އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް މާތް ﷲ ފުއްސަވާނެ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.
މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ “އާޝޫރާ ދުވަހުގެ މާތްކަން” މި މައުޟޫއަށެވެ.
ޚުޠުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކްރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށާއި، މުޙައްރަމް މަހަކީ މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މަހެއްކަމާއި، ރަމަޟާން މަހަށް ފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމް މަސް ކަމަށެވެ.
”އާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުށް ފާފަތައް، މާތް ﷲ ފުއްސަވައި ދެއްވާނެ އަމަލެއް ކަމުގައި ދެކެވަޑައިގަންނަވަމެވެ.“ ކީރިތި ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އޭގެ ކުރީ ދުވަހު (ނުވަވަނަ ދުވަހު) ނުވަތަ އެ ދުވަހާ ޖެހިގެން އަންނަ ދުވަހު (އެގާރަވަނަ ދުވަހު) ރޯދަ ހިފުމަކީ ސުންނަތް ވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
އެހެންނަަމަވެސް އާޝޫރާ ވިލޭރޭގައި ”އާޝޫރާ ދުޢާ“ ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވާފައި ނުވާ ކަމަށާއި، އެއީ ދީނުގައި ނެތް ބިދުޢަ ތަކެއްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

