ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދާ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ގެންދަވަނިކޮށް އެސްއޯ ފުލުހުން އެ ސަރަޙައްދަށް އައިސް އެތަނުގައި ތިބި ނޫސްވެރިންތަކެއް ކޮއްޕައި ބިންމައްޗަށް ވައްޓައިލި މައްސަލަ ބެލުމަށް ޓްރާންޕޭރެންސީ މޯލްޑިވްސްއިން އިދާރާތަކަށް ގޮވާލައިފިއެވެ.
ބުރާސްފަތި ދުވަހު ހަވީރު ޖުމްހޫރީ މައިދާނުން އިދިކޮޅު ލީޑަރުން ދެއްކެވި ވާހަކަތައް ކަވަރ ކުރަމުންދިޔަ ޗެނަލް-13 ގެ ވީޑިއޯގުރަފަރ މިސްބާހު އާއި އޭނާ ކައިރީ ޖެހިގެން ހުރި ސަންގު ޓިވީގެ އަންހެން ނޫސްވެރިޔާ މާހަތު ކޮއްޕައި ފަހަތަށް ޖައްސާ، އެސްއޯ ފުލުހަކު އެ ދެ ނޫސްވެރިން ބިންމައްޗަށް ވައްޓައިލި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުންދާ މައްސަލަ ކުށްވެރިކުރާ ކަމަށެވެ. އަދި ފުލުހުން އެފަދައިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާމައްސަލަ ތަޙުޤީޤުކޮށް ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ޒިންމާދާރުކަން ކަށަވަރުކޮށްދިނުމަށް އެ ޖަމުއިއްޔާއިން ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށްވެސް ގޮވާލާފައެވެ.
މީގެއިތުރުން އެއްވެ އުޅުމުގެ މިނިވަންކަމަށް ޤާނޫނު އަސާސީއާ ޚިލާފަށް އެޅިފައިވާ ހުރިހާ ހުރަހެއް ނައްތާލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު އަދާކުރުމަށް މަގުފަހި ކޮށްދިނުމަށް ޓްރާންޕޭރެންސީން ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.

