އެސްއޯ ފުލުހުންގެ އޮފިސަރަކު ވަރަށް ރަޙުމު ކުޑަކޮށް ދިވެހި ރާއްޖޭގެ ދެ ނޫސްވެރިޔަކަށް އިއްޔެ ޖުމްހޫރީ މައިދާނުގައި އަނިޔާވެރިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންގެ މުއައްސަސާއަށް އަމާޒު ވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޖުމްހޫރީ މައިދާނަށް އެއްވެ އަޑު އުފުލަމުން ދިޔަ ވަގުތު އެ މަންޒަރުތައް ކަވަރަ ކުރަމުންދިޔަ ދެ ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އަޅާ މަންޒަރާއި އެ ދެ ނޫސްވެރިން ކޮއްޕާ ވައްޓާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
ފުލުހެއްގެ މި ޢަމަލާއި ގުޅިގެން ނޫސްވެރިންގެ ބެލެނިވެރި ފަރާތްތަކާއި އެކިއެކި ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާންތައް ނެރެފައެވެ.
އެސްއޯ ފުލުސް މީހާގެ ފަރާތުން އަނިޔާ ލިބިފައިވަނީ ޗެނަލް-13 ގެ ކެމެރާމަން މިސްބާހު އާއި ސަންގު ޓީވީގެ ސީނިއަރ ނޫސްވެރިޔާ މާހަތު ޙުސެއިން (މާތު) އަށެވެ. އެ ދެ ނޫސްވެރިންގެ އިތުރުންވެސް އެތަނުގައި ހަރަކާތްތެރިވި އެހެން ނޫސްވެރިންގެ ވާޖިބަށްވެސް އިއްޔެ ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މިކަމާއި ގުޅިގެން ނޫސްވެރިންގެ ފާޑުކިޔުންވެސް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
ފާޑުކިޔުންތަކަށްފަހު އެ ޢަމަލު ހިންގި ފުލުސް މީހާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ދެ ނޫސްވެރިން ކޮއްޕާ ވައްޓާލި ފުލުސްމީހާ ވަޒީފާގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ވަނީ މަޢުލޫމާތު ދީފައެވެ.
މިސަރުކާރުން މީޑިއާތަކުގެ މިނިވަންކަން ތަންމިނަށް ދީފައިވާނޭ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް އެކިއެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައިވާއިރު، މިފަދައިން ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސްއަޅާ އެކި ފަހަރުމަތިން ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކާއި ނޫސްވެރިންނަށް ކުރިމަތި ކުރުވާ ހުރަސް ތަކާއި ގުޅިގެން ނޫސްވެރިންގެ ބެލެނިވެރި ފަރާތްތަކުގެ ފާޑުކިޔުމާއި ނުރުހުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވެފައެވެ.

