އިންޑިއާގެ ހުޅަނގުގެ މަހާރާޝްތުރަ ސްޓޭޓުގެ އަވަށެއްގައި ބިންގަނޑު ކަނަޑައިގެން ދިއުމުގެ ޙާދިސާއެއް ހިނގައި 22 މީހުން މަރުވެއްޖެ އެވެ. ބިންގަނޑު ކަނޑައިގެން ގޮސް ފޭބި ވެލިތަކުގެ ދަށުގައި 100 އަށްވުރެ ގިނަ މީހުން އަދިވެސް ތާށިވެފައި ވާކަމަށް ވަނީ ބެލެވިފައެވެ.
ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ހިނގާފައިވާ މިޙާދިސާގައި މީހުން ދިރިއުޅޭ އެތައް ގެއެއް ވެސް ވަނީ ބިމާއި ހަމަވެފައެވެ. މީހުން ސަލާމަތް ކުރުމަށް ކުރަމުން ދިޔަ މަސައްކަތް ބޯވިއްސާރައިގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރޭ ހުއްޓާލަން ޖެހުނު ނަމަވެސް މިހާރު ވަނީ އަލުން ފެށިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުސް ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެން ގޮސް ވެލިތައް ފައިބާފައިވާ ތިރި ސަރަޙައްދަކީ ގަސްގިނަ ސަރަޙައްދަކަށް ވުމުން ވެސް މީހުން ސަލާމަތް ކުރުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުން ދާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ބިންގަނޑު ކަނޑައިގެންދިޔަ ސަރަޙައްދުން 105 މީހަކު އަދިވެސް ވީނުވީތަނެއް ނޭނގޭ ކަމަށް މަހާރާޝްތުރަ ސަރުކާރުން ބުނެއެވެ.
އިންޑިއާގެ އެކިހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 50 ގޭގެ މައްޗަށް އެކުލެވޭ މި ކުޑަކުޑަ އަވަށުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 17 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.
މަހާރާޝްތުރަ ސަރުކާރުން ވަނީ މިޙާދިސާގައި ގެއްލުންވި ކޮންމެ ޢާއިލާއަކަށް އެހީގެ ގޮތުގައި 500،000 (ފަސް ލައްކަ) އިންޑިއަން ރުޕީސް ދޭން ނިންމާފައެވެ.

