އަންނަ ސެޕްތެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ އޯގަސްޓް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިކަން ހާމަކޮށް އެ އިދާރާއިން ކޮށްފައިވާ އިއުލާންއެއްގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެކަމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ކަމަށެވެ.
އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު، 9:00 އިން މެންދުރުފަހު 14:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 16:00 ކެންޑިޑެންސީ ފޯމް ބަލައިގަންނާނެ ކަމަށް އީސީއިން ކުރި އިއުލާންގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިއުލާންގައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ބަލަންޖެހޭ ސަރުތުތައްވެސް ހާމަކޮށްފައެވެ. އެގޮތުން:
1- ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
2- މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
3- އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކު ކަމުގައިވުން.
4- ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
5- އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
6- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން.
7- އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ޙީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއް ނުވަތަ މުވައްޒަފެއްގެ ކުރިމައްޗަށް ޙާޟިރުވެ ބުނެފައިވާ މަޢުލޫމާތާއި ލިޔުންތަކާއި ތަކެތި ހުށަހަޅަން ވާނެއެވެ. އެމީހަކަށް ޙާޟިރުވެވެން ނެތްނަމަ، އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ނުވަތަ މެސެޖަކުން އެމީހަކަށް ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށްދީ، އެމީހެއްގެ ބަދަލުގައި ފޮނުވާ މީހަކު މެދުވެރިކޮށް، އިލެކްޝަންސް ކޮމިޝަނަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި ހުށަހެޅިދާނެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓު ލުމަށް ހަމަޖައްސާފައިވަނީ ސެޕްޓެންބަރު 9 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.

