ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންނަށް ހިލޭ، މާލެއިން ބިން ދިނުމުން އެ ރައްޔިތުން ތިބީ ހިނތުންވެގެން ކަމަށް ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ މާލޭގެ ކޯޑިނޭޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ އެކަމަނާގެ ހަޔާތުގައިވެސް، މާލެއިން ބިން ކަޑައި ރައްޔިތަކަށް ދީފައިވާ މަންޒަރެއް ދކެފައި ނުވާ ކަމަށެވެ. އަދި އަބަދުވެސް ފެނިގެން ދިޔައީ ސަރުކާރުގެ އިސް ސަފުގައި ނުވަތަ ވެރިކަމުގައި އޮންނަ ޕާޓީއެއްގެ އިސްކޮށް އުލޭ ފަރާތްތަކަށް މާލެއިން ބިން ދިން މަންޒަރުކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންނަށް މާލެއިން ބިން ލިބުމުން ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށައި، އެ ބިންތައް ތަރައްގީ ކުރެވި، ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް ނިމުމުން، މާލޭގެ ކުލިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
“އެކަމަކު މިއަދު ގޭގެއަށް ވަނީމަ އަޅުގަނޑަށް މި ފެނިގެން ދަނީ ރައީސް ސޯލިހް މާލެ އިން ބިން ކަނޑުއްވައި ބިން ދެއްވައިގެން އެކަމުގެ ހިނިތުންވުން ރައްޔިތުންނަށް އައިސް ހުރި ތަން،” މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޞާލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން މަސައްކަތްކުރެއްވީ ކުޑަ ރަށެއް، ބޮޑު ރަށެއް ބެލުމެއް ނެތި ހުރިހާ އެންމެންނަށް ތަރައްގީ ގެންނެވުމަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
“އިންސާނަކަށްވީތީ ތަނެއްގައި އުޅޭ ނަމަ، އެންމެން ފެން ބޮވާނެ. ފެން ވަރަން ޖެހޭ، ގައިން ތާހިރު ވާން ޖެހޭ. އަދި ފާހަނާ ކުރަން ވެސް ޖެހޭ. އިންސާނަކަށްވީތީ އެ ލިބެން ޖެހޭ އެންމެ އަސާސީ ހިދުމަތްތައް ނުލިބި ތިބި ކިތަންމެ ބަޔަކު ތިބީމަ، އެ ރައްޔިތަކަށް އެކަންކަން ހޯދައި ދެއްވަން (ރައީސް ސޯލިހް) ނުކުންނެވީ،” ރާއްޖޭގެ 141 ރަށެއްގައި ހިނގަމުން އަންނަ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ފަސް އަހަރު މިއަށް ވުރެ އަމާން ރާއްޖެއެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މާރިޔާ ދެއްވިއެވެ.

