ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު އައި ފަހުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބިއްޖެ ކަމަށާއި، މި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް އަދިވެސް އެމަނިކުފާންއަށް ވޯޓްއެއް ދޭން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ފޭސް 2 ގައި ރައީސް ޞާލިހްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހިތްހަމަޖެހިގެން ނޫޅެވުނު ކަމަށާއި، މާރާމާރީއާއި ހަމަނުޖެހުން އޭރު އޮތީ އާންމު ވެފައި ކަމުގައެވެ.
“އަޅުގަނޑު ގޭގައި ހުރެފައި މަޖިލީހަށް ދިޔަ ދިިޔުމާ ދޭތެރޭގައި، މަޖިލީހާ ދިމާލަށް އޮންނަ މަގަށް އަޅާލާއިރު ލޭ މަތިން ހުރަސްކޮށްފައި ކިތަންމެ ދުވަހަކު ދާންޖެހޭ. ރައްޔިތުން އެކަކު އަނެކަކާ ރުޅިގަދަވެ، ކަތިލާފައި ތިއްބާ. ކަޓަރު އަޅާ، މާރާމާރީ ހިންގާ، މިކަންކަން އޮތީ އާންމުވެފަ،” ހުޅުމާލޭ ފޭސް ދޭއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު މާރިޔާ ވިދާޅުވި އެވެ.
ރައީސް ޞާލިހްގެ ކެމްޕެއިން ޝިއާރަކަށް ކަނޑައަލާފައިވަނީ، ” އުފާވެރި، އަމާން ރާއްޖެއެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ފޯމްތައް ހުށަހެޅުމަށް މިއަދުުން ފެށިގެން އޯގަސްޓް މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަންއިން ވަނީ ހުޅުވާލާފައެވެ.

