ބޯކޮށްވާރޭވެހި ކެނެޑާގެ ނޯވާ ސްކޮޓީއާ ޕްރޮވިންސްގައި ކުއްލިއަކާ ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިޙާލަތުގައި، 2 ކުޑަކުއްޖަކު ވެސް ހިމެނޭގޮތަށް 4 މީހަކު ގެއްލިގެން ހޯދަމުން ދާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މިފަހަރު ފެންބޮޑުވެފައި މީވަނީ ފާއިތުވި 50 އަހަރާއި ނުބައްދަލު މިންވަރަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ތޫފާނަކާއި އެކު ހުކުރު ދުވަހު ވެހެންފެށި ވާރޭގައި 24 ގަޑިއިރުގެ ތެރޭގައި 25 އިންޗި އަށްވުރެ އިތުރު މިންވަރެއްގެ ވާރޭ ވަނީ ނެހިފައެވެ. މިއީ، ޢާއްމުގޮތެއްގައި 3 މަސްދުވަހުގެ ތެރޭގައި އެޤައުމަށް ވެހޭހައި ވާރޭ ކަމަށް ޚަބަރުލިބެއެވެ.
މި ފެންބޮޑުވުމުގެ ސަބަބުން މަގުތަކާއި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، ބްރިޖްތައް ވެސް ދަނީ ވެއްޓެމުންނެވެ.
އަޅުގަނޑުމެންނަށް ދިމާވެފައި މިވަނީ ވަރަށް ބިރުވެރި ޙާލަތެއް.
ނޯވާ ސްކޮޓިއާގެ ޕްރިމިއަރ ޓިމް ހިއުސްޓަން ވިދާޅުވިއެވެ. މަދުވެގެން 7 ބްރިޖެއް އަލުން އަޅަންޖެހިފައި ވާކަމަށް ޕްރިމިއަރ އިތުރަށް ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ގެތަކަށް ލިބިފައިވާ ގެއްލުން ލަފާކޮށްލަން ވެސް ދަތިކަމަށާއި، މިކަމުގައި މައި ސަރުކާރުގެ އެހީތެރިކަމަށް އެދިލައްވާނެ ކަމަށް ވެސް ހިއުސްޓަން ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ މި ޙާދިސާއާއި މެދު ކަންބޮޑުވުން ފާޅު ކުރައްވާ އެ ޕްރޮވިންސުގެ ރައްޔިތުންނާއި އެކުގައި ތިބިކަން ފާހަގަ ކުރައްވާފައެވެ.
ނޯވާ ސްކޮޓިއާގެ އެންމެ ބޮޑު ސިޓީ ހެލިފެކްސްގެ އިތުރުން އިތުރު 4 ސަރަޙައްދެއްގައި މިހާރުވަނީ ކަމާބެހޭ ފަރާތްތަކުން ކުއްލިޙާލަތު އިޢުލާނު ކޮށްފައެވެ.
މިއީ، 1971 ވަނަ އަހަރު ހެލިފެކްސް އަށް ނަގޫރޯޅިއެއް އަރައި ކުރި ބޯވިއްސާރައަށް ފަހު އެންމެ ބޯކޮށް އެސަރަޙައްދަށް ވާރޭ ވެހުނު ފަހަރެވެ.

