މާލޭ ގެއެއްގައި ގޭސް ފުޅިއެއްގޮވައި، ފިހުނު މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ހާމަ ކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މ.ދިލީވިލާގައި ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯކުރުމުންނެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ މޫނު ފިހިފައިވާ ކަމަށް ހޮސްޕިޓަލްއިން މައުލޫމާތު ދެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ. މި ދިޔަ އަހަރާއި މި އަހަރަށް ބަލާއިރު އެފަދަ ގިނަ ހާދިސާތައް ހިނގައި، ފަރުވާދެމުން ދަނިކޮށް އަންހެނަކު ނިޔާވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ގޭސްފުޅިއަކީ ފަސޭހައިން ގޮވާޒާތުގެ އެއްޗެއް ކަމުން ގޭސްފުޅި ބޭނުންކުރުމުގައި ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

