ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ އެމްއާރުއެމްއެމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވި ނަމަވެސް، އެކަމަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހެދި ކުރިއަށް ގެންދިޔުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެ ޕާތީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ކޯޓުން ކޮށްފައިވާ އަމުރާއި ދެކޮޅަށް އީސީން އަންނަނީ އެ ޕާޓީ އާއި މެދު އަމަލުކުރަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ބެހޭ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި އެޕާޓީ ބައިވެރިނުކުރާކަމީ މައްސަލައެއް ކަމަށް ނާދިރާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބަށް ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައިވެސް އެ ޕާޓީން ބައިވެރި ނުކުރާކަމަށް ނާދިރާ ވިދާޅުވިއެވެ.
ގާނޫނުގައި ބުނާ އަދަދު، 3000 މެންބަރުން އެ ޕާތީގައި ހަމަނުވާ ކަމަށް ބުނެ އީސީން ވަނި އެމްއާރއެމް އުވާލަން ނިންމާފައެވެ. ނަމަބވެސް އެ ޕާތީން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެމްއާރުއެމް އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން ކޯތްއިން ވަނީ އީސީގެ މައްޗަށް އަމުރުކޮށްފައެވެ.
“މިއީ ކޯޓުގެ އަމުރާ އިލެކްޝަންސް ކޮމިޝަނުން ޚިލާފުވުން، މިގޮތަށް އަމަލުކުރަމުންދާތީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަފާނެ ކަމާ މެދު ވެސް ސުވާލު އުފެދޭ،” ނާދިރާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމަށް އެމްޑީޕީގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހަދަން އޮތީ ދައުވަތު ދީފަ އެވެ. އެކަމާއި ބެހޭ ގޮތުން މަޝްވަރާގެ ދެ ބައްދަލުވުމެއް ކުރިއަސް ގެންދިޔުމަށްފަހު މެދުކެނޑިފައިވަނީ އީސީން ޕާޓީ އުވާލަން ނިންމި ނިންމުމާ ގުޅިގެންނެވެ.
ސިޔާސީ ޕާޓީއެއްގައި މެމްބަރުންގެ ތިބި އަދަދަކީ ގައުމު އިސްލާހުކުރުމުގައި މާ މުހިއްމު އަދަދެއް ނޫން ކަމަށް ވާހަކަ ދައްކާ އެމްއާރުއެމުން އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމުގައި ތިއްބަސް އަދި ރަސްމީކޮށް ގޮތެއް ނިންމާފައެއް ނުވެއެވެ.

