އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ބައިވެރިނުވެވޭ ގޮތް ވެއްޖެނަމަ އެއީ، ރައްޔިތުންގެ ބައިވެރިވުން އޮތް ރިޔާސީ އިންތިހާބަކަށް ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވެފައި ވަނީ ވަގުތު ޓީވީއިން ގެނެސްދޭ “ތަފްސީލީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، އިންތިހާބު ބޮއިކޮޓްކޮށްފިނަމަ މިނިވަން އިންސާފުވެރި އިންތިހާބަކަށް ރިޔާސީ އިންތިހާބުވާނެތޯ ޕްރެޒެންޓަރ ވަނީ ފުއާދު އަރިހުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ، އެފަދަ ގޮތަކަށް ކަންކަން ދިމާވެއްޖެނަމަ، އެއީ އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށާއި، ނަމަވެސް އެދައިން ކަންކަން ދިމާނުވުމަށް އުންމީދުކުރައްވާ ކަމަށެވެ.
“އޭރުން އެއިންތިހާބަކީ ރައްްޔިތުންގެ ބައިވެރިވުން އޮތް އިންތިހާބަކަށް ނުވާނެ. އަދި އިންސާފުވެރި އިންތިހާބަކަށް ވެސް ނުވާނެ. އެކަމަކު އަޅުގަނޑު އުއްމީދު ކުރަނީ އެގޮތައް ނުވެ އެއަށްވުރެ ރަނގަޅު ހައްލެއް ލިބިގެން ދާނެ ކަމަށް. އެއީ ޕީޕީއެމް އިން ވެސް މިހުރިހާ ކަމަކާދޭތެރޭ ވަރަށް ފުޅާކޮށް ވިސްނާ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަން.” ފުއާދު ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށްދިން މައްސަލާގައި ރިޗްވަތު ނެގުމާއި އަދި މަނީ ލޯންޑްރިންގް ކުރި ކަމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން، ވަނީ އެމނިކުފާނުގެ މައްޗަށް 11 އަހރު ދުވަހުގެ ޖަލު ހުކުމްއެއް އިއްވާފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލި އިރު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާޠިލްނުކުރާހާ ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމް ބަލައިނުގަނެވޭނޭ ކަމަށް އީސީގެ ރައީސް ފުއާދު ވަނީ މީގެ ކުރިން ބުނެފައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްއަކީ ނުހައްގުން އިއްވާފައިވާ ހުކުމްއެއް ކަމަށާއި، އަދި، އެކަމުގެ ސަބަބުން އެމަނިކުފާނުގެ އިންތިހާބީ ހައްގުތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށްބުނެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް، ކޯޓްއިން އެ މައްސަލަ ބަލައިގަނެފައެއް ނުވެއެވެ.

