ވެރިކަމަކީ ޒުވާން ކަމުގެ ރޫޙެއް ކަމަށާއި، އަދި އެއީ ޒަވާން ކަމާއިއެކު ކޮށްދެވޭނެ މަސައްކަތެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެގޮތުން ގައުމަށް ބޭނުންވަނީ އިލްމީ ގާބިލް ބޭފުޅުން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް “މުސްކުޅިވެފައިވާ” ކަމަށް ނަޝިދު ވިދާޅުވިއެވެ.
“ޓެކްސްގެ ނިޒާމާއި ދަތުރުފަތުރުގެ ނިޒާމާއި ފްލެޓް ދޮންބެއާ މި އެންމެ ކަންކަމަކީ ފަންސާހުން މައްޗަށް އަޅާލީމަ، ދެން އަލުން ވިސްނައިގެން ގެނެވޭނެ ކަންކަމެއް ނޫން”–“ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނު ވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ.” ނަޝީދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަމަކީ ޒުވާން އިރުގައި ކުރެވޭނެ ކަމެއްކަން މިހާރު އެމަނިކުފާނަށް ވިސްނިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ޞޯލިހް، މިހާރު އެ ވަޑައިގަންނަވަނީ އުމުރުފުޅުން 60 އާ ގާތަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
“މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑަށް މުށެއް ފުރާ ބޭސް ހެނދުނު ކާކަށް ނުޖެހޭ. މާތް ރަސްކަލާނގެ އަނބުރާ އިރާދަފުޅުން އަޅުގަނޑުގެ ހިތުގައި ހަތަރު ސްޓެންޓް ލައްވާފައެއް ނެތް.” އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ނަޝީދު ވިދާޅުވިއެވެ.
މުސްކުޅިވެ ގައިބާރި ކެނޑުނީމަ، އަދި ސިއްހީ ހާލަތު ތަން ނުދޭއިރު، ވެރިކަމަށް ވަޑައިގެން ސެކްރެޓަރީ އާއި އަރިސް ބޭފުޅުންލައްވާ ގައުމު ހިންގުމުގެ މަސައްކަތް ކުރެވުނު ގޮތަކަށް ކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމުން ގައުމާއި ރައްޔިތުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅުވައި އެކަމާ ވިސްނަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

