އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ކުޅިގެން ހުރި ކަންބޮޑުވުންތައް އިދިކޮޅު ޕީޕީއެމްނުން އިނގިރޭސީ ވިލާތުން ރާއްޖެއަށް ކަނޑައަލާފައި ހުންނަ ހައި ކޮމިޝަނަރު، ކެރޮން ރޮސްލާއާ ހިއްސާކޮށްފިއެވެ.
ޕިއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވީ، އިނގިރޭސީ ސަފީރާއި އެކުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭސެ ސިޔާސި މަޝްރަހުގައި ހިނގަމުން އަންނަ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
އެގޮތުން ސަރުކާރުން ދަނީ ޝަރުޢީ ދާއިރާއާއި މިނިވަން މުއަސަސާތަކަށް ނުފޯޒު ފޯރުވަމުން ކަމަށައި، އެފަދަ ނުރަނގަޅު ސިޔާސީ ކަންތައް ނިމުމަކަށް ގެނައުމަށް ސައީދުވަނީ ގޮވާލާފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލައިގައި އިސްތިއުނާފީ ޝަރީއަތްތައް މިހާރު ވަނީ މެދުކެނޑިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލި އިރު، އެ ފުރުސަތު އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. ނަމަވެސް ޕީޕީއެމުން ބުނެފައި ވަނީ ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

