ޗައިނާގެ ސްކޫލެއްގެ ކުޅިވަރުހޯލެއްގައި އަޅާފައިވާ ކޮންކްރީޓް ފުރާޅެއް ވެއްޓި 11 މީހަކު މަރުވެއްޖެއެވެ. މީގެ ތެރޭގައި ގިނަވާނެ ކަމަށް ބެލެވެނީ އެސްކޫލުގެ ޒުވާން އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނެވެ.
މި ފުރާޅު ވެއްޓިފައި ވާކަމަށް ބެލެވެނީ، އެތަކުގެ މަތީގައި ޤަވާއިދާއި ޚިލާފަށް ގިނަ ޢަދަދެއްގެ ތަކެތި ބެހެއްޓުމުގެ ސަބަބުން ކަމަށެވެ.
ފުރަތަމަ މިޙާދިސާ ހިނގުމާއިއެކު 15 މީހަކު ވެއްޓުނު ކޮންކްރީޓު ބައިތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް މިއަދު ޗައިނާ ގަޑިން ހެނދުނު 10 ޖެހިހާއިރު އެޤައުމުގެ ޤައުމީ ޓީވީން ވަނީ ރިޕޯޓުކޮށްފައެވެ.
ޙާދިސާ ހިނގި ވަގުތު އެ ހޯލުގެ ތެރޭގައި 19 މީހަކު ތިބިކަމަށާއި، އޭގެ ތެރެއިން 4 މީހަކަށް އެވަގުތު އެތަނުން ސަލާމަތުން ބޭރަށް ނުކުމެވުނު ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ އިރުއުތުރުގެ ލޮންގްޝާ ޑިސްޓްރިކްޓްގައި ހުންނަ 34 ނަންބަރު މިޑްލް ސްކޫލުގައި މިޙާދިސާ ހިނގި ވަގުތު އެ ހޯލުގައި ޕްރެކްޓިސް ކުރަމުން ދިޔަ އަންހެން ވޮލީ ޓީމަކީ، އެ ސްކޫލުގެ އެކި ގްރޭޑްތަކުން ހޮވާލެވިފައިވާ ޓީމެއް ކަމަށް ޚަބަރުލިބެއެވެ.
މި ޙާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި އެއްވެސް ބޮޑު މީހަކު ހިމެނޭކަން ނުވަތަ ނޫންކަނަށް ވެސް މިހާތަނަށް ކަށަވަރުވެފައި ނުވާއިރު، ވެއްޓިފައިވާ ކޮންކްރީޓް ބައިތަކުގެ ދަށުގައި އެޓީމުގެ ކޯޗު ހިމެނޭ ކަމަށް ޗައިނާގެ ޤައުމީ ރޭޑިއޯއިން ރިޕޯޓު ކޮށްފައި ވާކަމަށް ރޮއިޓާސް އިން ބުނެއެވެ.

