ޤައުމުގެ މިއަދުގެ ޙާލަތުން ޒުވާނުންނަށް އޮތް ބޮޑު ގޮންޖެހުން ވަރަށް ފުރިހަމައަށް ބަޔާން ކޮށްލަދިން ހުވަދުއަތޮޅަށް ނިސްބަތްވާ މިޒުވާނާ އަކީ ޙަމްދާ މުޙައްމަދު 21، އެވެ.
ޖޯޝާއި ފޯރީގައި ޒުވާނުންގެ ޙާލަތު ޤައުމުގެ ކުރިމައްޗަށް ބަންޑުން ކޮށްލަދިން ޙަމްދާގެ މި ވާހަކަތަކުގެ ވީޑިއޯ މިހާރު ދަނީ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.
ޑިމޮކްރެޓްސް ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ގިނަ ބައެއްގެ ހިތް ހަމްދާ އަށް "ދަމައިގަތީ" ވާހަކަ ދެއްކުމުގެ ފަށުވިކަމާއި ބަސް މޮށުންތެރިކަމުގެ ރީތި ކަމުގެ ސަބަބުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ މިފަހުން ރާއްޖޭގައި ބޭއްވި ސިޔާސީ ޖަލްސާއެއްގައި މިހާ ފުރިހަމައަށް ވާހަކަ ދެއްކި ފުރަތަމަ ޒުވާނާއެވެ.
އަޅުގަނޑުމެންގެ މެދުގައި އޮތް "ބޮޑު ކުލި ދައްކައިގެން" އުޅެން ޖެހިފައިވާ އުޞޫލުގެ ސަބަބުން ޒުވާނުން "ދޮވެލާ" އަދި "އަވަދިކޮށްލާ" ކަމަށް ހަމްދާގެ ވާހަކައިގައި ބުނެފައިވެއެވެ. އަދި، "މޭ ފުއްޕާލާފައި" ރާއްޖެ އަކީ ވަރަށް "ސްޓޭބަލް" ގައުމެކޭ ބުނާ އިރު، އެ ހާލަތުގައި އޮތީ ކޮން ގޮތަކުންތޯ ހަމްދާ ވަނީ ސުވާލު އުފައްދާފައެވެ.
ހަމްދާ މި އިއްވައިދެނީ މިޤައުމުގެ ހުރިހާ ޒުވާނުންގެ އުދާސްތައް ކަން ބަޔާން ކުރަމުން، އޭނާ އިތުރަށް ބުނީ، ޒުވާނުންގެ މެންޓަލް، ފިޒިކަލް، އިމޯޝަނަލް، ސައިކޮލޮޖިކަލް އަދި ފައިނޭޝަލް ސްޓެބިލިޓީއެއް އެއްވެސް ގޮތަކަށް ނެތްކަމަށެވެ. ޒުވާނުންނަށް ހިތްވަރު ދެނީ އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ބައްޓަން ކުރާށޭ ކިޔަމުން ދިޔަ ނަމަވެސް ޤައުމުގައި އެކަމަށް މަގުފަހިވެފައި ނެތް ކަމަށް އޭނާ ބުންޏެވެ.
ހަމްދާ ބުނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮންނަ ގޮތުން ގިނަ އާއިލާތައް މިހާރު ރޫޅިފައިވާ ކަމަށެވެ. މި ޖީލުގެ ދަރިން ބޮޑެތި ވެފައި ތިބީ އާއިލީ މައްސަލަތަކާއި ހިތްހަމަނުޖެހުންތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން އާއިލީ ލޯތްބާއި ގުޅުންތަކަކީ ކިހާ މުހިއްމު ކަމެއް ކަން ގަބޫލުކުރަން ބޭނުން ނުވާ ޒާތަކަށް ކަމަށެވެ.
ރާއްޖޭގައި ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި އޮތްގޮތުން، ދިރިއުޅުމުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ދިރިއުޅުމުގެ ހަރަދުބަރަދު ބެލެހެއްޓުމަށް ދެތިން ވަޒީފާގެ އިތުރުން ފްރީލާންސްކޮށް، މަސައްކަތް ކުރަން ޖެހޭ ކަމަށާއި، އެކަންކަމާއި އެކު ކިޔެވުންވެސް ކުރިއަށް ގެންދަންޖެހޭތީ "ޒުވާނުން މި ތިބެނީ އަވަދިވެފައި" ކަމަށް ހަމްދާ ބުންޏެވެ.
ގިނަ ޒުވާނުންތަކެއް ދަރަނިވެރި ޙާލަތުގައި ތިބިކަން ފާހަގަކޮށް ހަމްދާ ބުނީ، "އަމިއްލަ މީހާއަށް ހޭދަކޮށްލާނެ ބައި ލޯ ލާރިއެއް ވެސް އަޅުގަނޑުމެން އަތުގައި ނޯވޭ. ވޭލާއިން އަގުހެޔޮ ރީތި ހެދުމެއް ލައިގެން، ދިރާގުން އިންސްޓޯލްމެންޓަށް ސެމްސަންގް އެސް 22 އަލްޓްރާއެއް ނަގައިގެން އުޅުނެއް ކަމަކު އަޅުގަނޑުމެންގެ ހާލަތަކީ މިއީ އެނގޭތޯ،"
ހަމްދާ ވަނީ އަމިއްލަ ފައިދާ އަށް ވުރެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ނަމަ، މި ހާލަތު ބަދަލު ކުރެވޭނެ ކަމުގެ ޔަގީން ކަން ދީފައެވެ. ހަމްދާގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން "ހެޔޮ ނުވާނެ މިކަން ހައްލުކޮށްދީ،" މިހެންބުނެ ވަނީ ޤައުމުގެ މަތިފަޑީގައި ތިއްބެވި ފަރާތްތަކަށް އެއަޑު ފޯރުކޮށްދީފައެވެ.
ހަމްދާގެ މި ހުރިހާ ވާހަކަތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކޮށް، އޭނާ އަށް ހިތްވަރު ދެމުންނެވެ. އަދި މިއީ، ސިޔާސީ މައިދާނުގައި ކުރިއަރައިގެން ދާނެ ޒުވާނެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

