ރޮހިންޏާ މުސްލިމް ރެފިއުޖީންގެ 74 މީހަކު ހައްޔަރު ހައްޔަރު ކޮށްފައި ވާކަމަށް އިންޑިއާ ސިފައިން ބުނެފިއެވެ. އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝް އިން މި ރެފިއުޖީން ހައްޔަރު ކޮށްފައި ވަނީ އެމީހުން ނަކީ އެޤައުމަށް ޤަވާއިދާއި ޚިލާފަށް ވަދެ ދިރިއުޅެމުންދާ މީހުން ކަމަށް ބުނެއެވެ. އިންޑިއާ އިން މިފަދަ ފިޔަވަޅެއް ރޮހިންޏާ ރެފިއުޖީންނާއި މެދު އަޅާފައި މިވަނީ ހިންދޫ އެކްޓިވިސްޓުން މުސްލިމުންނާއި ދެކޮޅަށް މައްސަލަތައް ހުށަހެޅުން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.
އުއްތަރަ ޕްރަދޭޝްގެ 6 ޓައުނަކުން ހައްޔަރު ކޮށްފައިވާ މި 74 މީހުންގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ ރޮހިންޏާ މުސްލިމް ރެފިއުޖީ މުޖްތަމަޢަށެވެ. ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި 10 ކުޑަކުއްޖަކު ހިމެނޭ ކަމަށް ހޯމަ ދުވަހު އިންޑިއާ ސިފައިން ވަނީ ބުނެފައެވެ.
މި 55 ފިރިހެނުންނާއި 14 އަންހެނުން ހައްޔަރު ކުރެވިފައި ވަނީ ޤަވާއިދާއި ޚިލާފަށް އެޤައުމަށް އެތެރެވެފައި ވާކަމުގެ ކުށުގައިކަމަށް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އިންޑިއާގެ ވެބްސައިޓެއް ކަމަށްވާ “ސްކްރޯލް.އިން” އިން ބުނެފައި ވާގޮތުގައި ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި މާބަނަޑު އަންހެނަކު ވެސް ހިމެނެއެވެ.
ދަ ރޮހިންޏާ ހިއުމަންރައިޓްސް އިނީޝިއޭޓިވް ކެމްޕެއިން ގްރޫޕުން ބުނެފައި ވާގޮތުގައި ހައްޔަރު ކުރި މީހުންނަކީ އެސަރަޙައްދު ތަކުގައި ދިރިއުޅޭތަ 10 ވަރަކަށް އަހަރު ވެފައިވާ މީހުންނެވެ. އަދި މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުން އުޅޭ ސަރަޙައްދުތަކުގައި ކުނިއުކާލުން ފަދަ މަސައްކަތްތައް ވެސް ކުރަމުންދާ މީހުންނެވެ.
ރެފިއުޖީންގެ ޙައްޤުތަކަށް މަސައްކަތް ކުރާ މި ގްރޫޕުން އިތުރަށް ބުނީ، މި މީހުންނަކީ ހަމަ އެކަނި ރައްކާތެރިކަން އެދި އެސަރަޙައްދަށް އައި ބައެއް ކަމަށާއި، އެމީހުން ބަންދުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
މިދިޔަ އަހަރު ފެށުނު އިރުވެސް އިންޑިއާގައި 18،000 އެއްހާ ރޮހިންޏާ ރެފިއުޖީން ދިރިއުޅެމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހުން އެޤައުމުން ބޭރު ކޮށްލުމަށްޓަކައި އެޤައުމުގެ ކޯޓުތަކަށް ވެސް މީގެކުރިން ވަނީ މައްސަލަތައް ވައްދާފައެވެ.

