ޑޯކްސްރީގެ ނަން ދެވިފައިވާ ބާރުގަދަ ތޫފާން ފިލިޕީންސް އަށް އެރުމުގެ ސަބަބުން އެކަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ފިލިޕީންސްގެ އިރުމަތީ އައްސޭރިފަށަށް ބާރު ރޯޅިތަކާއި އެކު އަރައި ބޯކޮށް ވާރޭވެހި، ކޯރުތައް ފުރި ބަންޑުން ވުމުގެ ސަބަބުން އެތައް ބަޔަކު ކަރަންޓުގެ ޚިދުމަތުން މަޙްރޫމު ކޮށްލާފައިވާ މި ތޫފާން އަރާފާނެ ކަމުގެ އިންޒާރު މިހާރު ވަނީ ޓައިވާނާއި ޗައިނާއަށް ދީފައެވެ.
މި ތޫފާނުގެ ސަބަބުން، ކަނޑު ދަތުރުފަތުރު ކުރުން މަނާކޮށްފައި ވާތީ، ފިލިޕީންސްގެ ބަނދަރެއްގައި 4000 އަށްވުރެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށް ވެސް އެޤައުމުގެ އޮފިޝަލުން މަޢުލޫމާތު ދެއްވައެވެ.
ގަޑިއަކު 175 ކިލޯމީޓަރަށް ވައިގަދަވި މި ތޫފާން އެރުމުގެ ކުރިން ތޫފާން އަރާނެކަމަށް ބެލެވުނު ސަރަޙައްދު ތަކުން ގިނަ ބަޔަކު ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފައި ކަމަށް ފިލިޕީންސްގެ އޮފިޝަލުން މަޢުލޫމާތު ދެއްވައެވެ.
ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން “ސުޕަރ-ޓައިފޫން” އެއްގެ ދަރަޖަ ދީފައިވާ މި ތޫފާން ޗައިނާއާއި ޓައިވާނާއި ދިމާއަށް މިސްރާބުޖަހާފައި ވާއިރު، އޭގެ ބާރު ދަނީ ގަދަވަމުން ކަމަށް ޚަބަރުލިބެއެވެ.
ޗައިނާ މީޓިއޮރޮލޮޖީއިން ވަނީ މި ތޫފާނާއި ގުޅިގެން އެންމެ މަތިން 2 ވަނަ ދަރަޖައިގެ ސަމާލު ވެސް ނެރެ، އެޤައުމުގެ ގުއާންގޑޮންގ ޕްރޮވިންސަށް މިއީ، ފާއިތުވި އެތައް ދިހަދިހަ އަހަރެއްގައި ވެސް އަރާނެ އެންމެ ބާރުގަދަ ތޫފާން ކަމުގެ އިންޒާރު ދީފައެވެ. މި ޖުލައިމަހުގެ 17 ވަނަ ދުވަހު ވެސް ޗައިނާއަށް ވަނީ ތޫފާނެއް އަރާފައެވެ.
ޓައިވާނުގެ ދެކުނުގެ ސިޓީތަކަށް މި ތޫފާނުގެ އިންޒާރު ނެރެ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް އެޤައުމުން ވެސް ވަނީ ފަށާފައެވެ.
ތޫފާން އަރާނެ ކަމަސް ލަފާކުރެވޭ ސަރަޙައްދުތަކުގައި މިހާރުވަނީ ކަނޑުދަތުރު ފަތުރު ކުރުން ވެސް މަނާކޮށްފައެވެ. އަދި އެޤައުމުގެ މީޓިއޮރޮލޮޖީ އިން ވަނީ ރައްޔިތުންނަށް ބޭނުންވާނޭ ޒަރޫރީ ބާވަތްތަށް ގެއަށް ވައްދައި ތައްޔާރުވެ ތިބުމަށް އަންގާފައެވެ.

