ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރިހަށް ބަލާއިރު، މިނިވަންކަމުގެ ހަގީގީ މާނައިގައި ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ މިދިޔަ ފަސް އަހަރު ތެރޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 58 އަށްވަނަ މިނިވަން ދުވަހުގެ މުނާސަބުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، މި ފަސް އަހަރަކީ ރާއްޖޭގެ ހާރިޖީ މިނިވަންކަމާއި ދާޚިލީ މިނިވަންކަން އެންމެ ފުލާ ގޮތެއްގައި ލިބިގެންދިޔަ އަހަރުތައް ކަމަށެވެ.
އަދި މި ފަސް އަހަރުތެރޭ ރާއްޖޭގެ ސިޔާސީ މިނަވަންކަން ފުރިހަމައަށް ރައްކާތެރިކުރެވުނުކަމަށާއި، ފަރުދުންގެ ޒާތީ މިނިވަންކަން އެއްވެސް ވަރަކަށް ހިފެހެއްޓުމެއް ނެތި ދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު. “ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު،” ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިނިވަންކަމުގެ ހަގީގީ އުފަލަކީ، ގައުމީ ދިދައިގެ ހިޔަލުގައި އުޅެ، އެމީހެއްގެ ޒާތައް ލިބެންޖެހޭ މިނިވަންކަން ހާސިލްވުން ކަމަށެވެ. އަދި އެއީ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރުރީ ބޭނުންތައް ފިލުވޭނޭ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން، ހަމަޖައްސއިދީފައި އޮންނަ އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.
“މާތް ﷲގެ ވާގިފުޅާ އެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާ އަށް ދިވެހިން ނެރެދިނުން،” ރައީސް ވިދާޅުވި އެވެ.

