ދުނިޔޭގެ ގައުމްތަކާއި އެކު ބޭއްވޭ ސުލްހަވެރި ގުޅުންތަކަކީ މިއަދު މި ރާއްޖޭގެ މިނިވަންކަމުގެ ރަމްޒުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިވަންކަމުގެ 58 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ މިއަދު ގައުމުތަކުގެ މިނިވަންކަން ގެއްލެނީ އެހެން ގައުމުތަކާއި މެދު ބޭއްވޭ ގުޅުންތަކާއި އެ ކަން ކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމުގައެވެ.
މީގެ އިތުރުން ރާއްޖެއާއި އެހެނިހެން ގައުމުތަކުގެ ގުޅުން ރަނގަޅަށް ކުރިއަށް ދަނީ ރާއްޖޭގެ ފުރިހަމަހާރިޖީ ސިޔާސަތު ކަނޑައެޅި، އެ ސިޔާސަތު ދެމެހެއްޓުމުގެ ޒިންމާ އަދާކުރާ ފަާތްތަކުގެ ޗަރަފާއި އިއްޒަް ދެމެހެއްޓިގެން ކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި، ކާބަފައިން ހޯދައިދެއްވި މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ވާޖިބެއް ކަމަށާއި، އެ ޒިންމާ އަދާކޮށް، ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސް ކުރެވުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. މީގެ އިތުރުން، އެ ޒިންމާ މިއަދުގެ ސަރުކާރުން ނަގައި މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެކަމުގެ އެންމެ ފުރިހަމަ މިސާލަކީ ގައުމުތަކާ އެކު އޮތް ގާތް ގުޅުން ކަމަށް ވިދާޅުވި އެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރުގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައި ހޯމް މިނިސްޓްރީން ވަނީ މާލެ އާއި ރަށްރަށުގައި ގިނަ ހަރަކާތްތައް ބާއްވަން ރާވައިފަ އެވެ.3

