ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްއާއި އެކު ކޯލިޝަން ނުހަދަން އެމްއާރްއެމް އިން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ނިމިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެ އެ ޕާޓީން އެމްޑީޕީގެ އިސްވެރިންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންކަން އެ ޕާޓީގެ އެކްސްކޯގައި މަޝްވަރާކުރުމަށްފަހު އެމްޑީޕީއާއިއެކު ކޯލިޝަން ނުހަދަން ނިންމާފައިވާ ކަމަށެވެ.
“ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދައުވަތަށް އެމްޑީޕީގެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއި އެމްޑީޕީގެ އިސްވެރިންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،” އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ، އެމްއާރުއެމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ. މި ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އަދާލަތާއި އެމްޑީއޭއެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައިފައެވެ. އެމްއާރުއެމްގެ ނިންމުން މި އައީ ރައީސް ސޯލިހް ސިޓީ ފޮނުއްވިތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

