ގދ. ރަތަފަންދޫ އާއި ރ. ފައިނު ކައުންސިލްއިން ވެރިކަން ކުރާ އެމްޑީޕީއަށް އޮތް މެޖޯރިޓީ ގެއްލިއްޖެއެވެ.
މި ދެ ކައުންގެސިލްގެ މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވަނީ، ދެ ކައުންސިލަރަކު ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމާއި ގުޅިގެންނެވެ. މި ބޭފުޅުން ޑިމޮކްރެޓްއަށް ސޮއި ކޮށްފައިމިވަނީ އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ސަރަހއްދުތަކުގައި ހިންގަމުންދާ ޕްރޮސްރާމްގެ ދަށުންނެވެ.
ދަ ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުގައި، ރަތަފަންދޫ ކައުންސިލްގެ ނައިބު ރައީސާ އަމާނީ މުއީންވަނީ އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސްއާއި ގުޅިފައެވެ. އަދި އެއާއިއެކު އެ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައިވާ ކަަމަށް ޑިމޮކްރެޓްސްއިން ހާމަކުރެއެވެ.
މީގެ އިތުރުންް ފައިނު ކައުންސިލާ ހަސަން ވަހީދު ވެސް ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. އޭނާ އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާއި ގުޅުމުން އެ ކައުންސިލްގެ މެޖޯރިޓީވެސް ސަރުކާރަށް ގެއްލިފައިވާ ކަމަށް ޑިމޮކްރެޓްސްއިން ހާމަކުރެއެވެ. އަދި ހަސަން ވަހީދު ވަނީ ޑިމޮކްރެޓްސްއަށް ސޮއިކޮށް ޕާޓީގެ މެންބާޝިޕް ފޯމް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފާ ހަވާލުކޮށްފައެވެ.
އެމްޑީޕީން ބައެއް މެމްބަރުން ވަކިވި ނަމަވެސް އެ ޕާޓީގެ ދަފްތަރުން ބޮޑި އަދަދެއް މަދުވެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

