ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައަރާފާނެ ކަމަށާއި އަދި އެކމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާކަމަށާއި، އަދި އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.
އެގޮތުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.
މީގެ ދެދުވަސްކުރިންވެސް ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ ކަމަށް މެޓް އޮފީހުންވަނީ ވިދާޅުވެފައެވެ. އަދި ރާޅުގެ އުސް މިން ދެ ފޫޓާއި ފަސް ފޫޓަށް އުފުލޭނެ ކަމަށްވެސް ލަފާ ކޮށްފައިވެއެވެ.

