އިސްލާމްދީނަކީ، އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް، އަނިޔާވެރިވުމާއި، ގެއްލުން ދިނުމަކީ އެދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފިއެވެ. އަދި މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ، އޭގެ ފަހަތުގައި ސިއްރުތަކެއް ވާތީކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކު ކަމުގައި ވަނީނަމަ، ނަޞްރާއި ކާމިޔާބީއާ ހަމައަށް ވާޞީލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއް ނޫންކަމަށެވެ. އެގޮތުން، ޠާރީހުގެ ފަތްފުށްތަކުންވެސް އެކަން އަހަރެމެންނަށް ރީތިކޮށް ފެންނަން ހުރިކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، އިސްލާމީ އުއްމަތުގެ ކުރީކޮޅު، މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުން އައީ އެ ބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.
މިއަދުގެ ޚުޠުބާގައި ބުނެފައިވާ ގޮތުން، އިސްލާމީ އުންމަތް ރޫޅި، ބައިބައި ވެގެން ދިޔައީވެސް، މުސްލިމުންގެ ތެރޭގައި އޮންނަ އެއްބައިވަންތަ އަޚުވަންތަކަން ނެތުމުން ކަމަށެވެ. މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށާއި، އަދި އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް އެ ދީނުގައި މަނާ ކުރައްވާފައިވާކަމަށް މިއަދު ޚުތުބާގައި ބުނެފައިވެއެވެ.
އަހަރެމެންގެ އިސްލާމްދީނުގައި އެއްބައިވަންތަކަމަށް މަގުފަހި ކުރުވާ ކަންކަން ބުނެދީފައިވާ ގޮތަށް އެކަމަށް ހުރަސްއަޅާ ކަންކަންވެސް ބަޔާކޮށްދީފައިވާ ކަމަށް ޚުޠުބާގައި ބުނިއެވެ. އެގޮތުން، އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރ ކުރުން ވަނީ ދީނުގައި މަނާކުރައްވާފައި ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
މާތް ﷲ ވަހީކުރައްވާފައިވެއެވެ. ” ފިރިހެނުން އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރ ނުކުރާ ހުށި ކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާ ހުށި ކަމެވެ! އެހެނީ އެ ފުރައްސާރ ކުރި މީހުންނަށްވުރެ، އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ.”
މީގެ އިތުރުން އިސްލާމްދީނުގައި އެކަމެއް ކުރުމަށް އަންގަވާފައިވާ ކޮންނމެ ކަމެއް ކުރުމުން އެކަމުގެ ލާބަ އާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފްސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަމަށާއި އަދި ހމަަ އެކަމަކުން މަނާ ކުރެވުނު ކަމަކަށް އަރައިގަތުމުން، އެކަމުގެ ގެއްލުމާއި ހަލާކުވެސް ހުރީ އަހަރެމެންގެ އަމިއްލަ ނަފްސަށާއި މުޖުތަމަޢަށް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
އެގޮތުން ކޮންމެ މުސްލިމަކުވެސް ތިމާގެ ނަފްސަށް އެދޭ ރަނގަޅު ކަންތައްތަތއް ތިމާގެ މުސްލިމް އަޚާއަށްވެސް އެދުމަށް ޚުޠުބާގައި ގޮވާލާފައިވެއެވެ. އެގޮތުން އެއްބައިވަންތަކަމާއި އަޚުވަންތަކަމަށް ތިމާ ވާސިލްކޮށްދޭ ކަންކަން ކުރުމަށް އަޒުމް ކަނޑައަޅައި، އެކަން ކުރުމަށް ވަރަށް ބޮޑަށް ޚުޠުބާގައި ބާރު އަޅުއްވާފައިވެއެވެ. އަދި އަޚުވަންތަކަމާއި އެއްބައިވަންތަކަން ކަނޑައިފާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ އެފަދަ ކަންކަމުގައި ބައިވެރިވެ އެއްބާރުލުން ނުދިނުމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

