ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވުނު އިންތިޙާބުގައި %95 ވޯޓާއިއެކު އިލްޔާސް ޓިކެޓު ކަށަވަރު ކުރެއްވީ އިންތިހާބުގައި ވޯޓު ދިން 3,203 މީހުންގެ ތެރެއިން 3,041 މީހުންގެ ތާއިދާ އެކުއެވެ.
އިލްޔާސް ލަބީބު އަށް އެ ޕާޓީގެ ޓިކެޓް ދޭން ނުފެންނަ ކަމަށް 153 ވޯޓް ދީފައިވާއިރު، 9 މީހަކު ވަނީ ބާތިލް ވޯޓް ދީފައެވެ.
ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށެވެ.
އެ ޕާޓީގެ ދަފްތަރުގައި 4100 މީހުން ތިބިއިރު، މިއަދު އެ ޕާޓިއަށް އަލަށް ގުޅުނު ފަރާތްތަކަށް ވެސް ވޯޓް ލުމުގެ ފުރުސަތު ވަނީ ދީފައިވެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭފުޅެއްގެ ނަން އެ ޕާޓީގެ ޕްރައިމަރީއަށް ފަހު އިއުލާން ކުރައްވާނެ ކަމަށް އޭނާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.


