ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ އިސްތިއުފާއަށް ގޮވާލައި ކުރަމުންދިޔަ އިޙްތިޖާޖު ހަމަނުޖެހުމަކަށް ބަދަލު ވެއްޖެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވަމުން ދާކަމަށް ބުނެ، އިހްތިޖާޖަށް ނުކުތް އިދިކޮޅު ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ.) ގެ ސަޕޯޓަރުން ވަނީ ވެރިރަށް ޑާކާގެ މައި މަގުތަށް ބަންދުކޮށްފައެވެ.
އެއްވުން ރޫޅާލުމަށް ފުލުހުން ރަބަރު އުންޑަ އާއި ކަރުނަގޭސް ބޭނުންކުރި އިރު، އެއްވުމުގެ ބައިވެރިން ވަނީ، ފުލުހުންނާއި ދިމާއަށް ގަލާއި ޕެޓްރޯލު ބޮން އުކައި ބަސް ފަދަ އެއްގަމު އުޅަނދުގައި އަލިފާން ރޯކޮށްފައެވެ.
ބަނގްލަދޭޝްގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެއްވުމުގެ ބައިވެރިން ގޮވާލަމުން ދަނީ ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ދެން އަންނަން އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން ވަގުތީ ސަރުކާރަކުން ހަމަޖެއްސުމަށެވެ.
ހޮނިހިރު ދުވަހު ހިނގި މި ހަމަނުޖެހުން ތަކުގައި އިހްތިޖާޖުގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައި ވާކަމަށް އެފަރާތްތަކުން ބުނާއިރު، ފުލުހުންގެ 20 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، އިހްތިޖާޖުގެ ބައިވެރިންގެ ތެރެއިން 90 ވަރަކަށް މީހުން ހައްޔަރު ކުރެވިފައި ވާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ހައްޔަރު ކުރިމީހުންގެ ތެރޭގައި ހިމެނޭ ބީ.އެން.ޕީ.ގެ އިސް ދެފަރާތެއް މިހާރު ދޫކޮށްލާފައިވާ ކަމަށް ބަނގްލަދޭޝްގެ މީޑިއާތަކުން ބުނެއެވެ. އިދިކޮޅުން ދަނީ އެއްވުމުގެ ބައިވެރިންނާއި މެދު ފުލުހުން ޢަމަލު ކުރަމުން ދަނީ އިންސާފުން ބޭރުން ކަމަށް ތުހުމަތު ކުރަމުންނެވެ.
މި އިޙްތިޖާޖަށް ޖަވާބު ދިނުމުގެ ގޮތުން އެއްވުމެއް ބޭއްވުމަށް ވެރިކަންކުރާ އަވާމީ ލީގު ޕާޓީން ވަނީ އާދީއްތަ ދުވަހަށް ޙަރަކާތެއް ރާވާފައެވެ. އިދިކޮޅުން ވެސް ވަނީ އިތުރަށް ވަރުގަދަ ޙަރަކާތް ތަކާއިއެކު މާދަމާ އަނެއްކާ ވެސް މަގުތަކަށް ނުކުތުމަށް ރާވާފައެވެ.
ކޮރަޕްޝަންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ބޭޣަމް ޚާލިދާ ޒިޔާ 2018 ވަނަ އަހަރުއްސުރެ ހުންނެވީ ޖަލުގައެވެ.

