ދަޢުލަތައް ޚިދުމަތްކުރުމަކީ އުފަލަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހް އެދިވަޑައިގެންފިއެވެ.
ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ތަރައްގީގެ މަގުގައި ރާއްޖެއަށް މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ ޤުރުބާނީއާއި ދައުލަތް ހިންގުމުގައި އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުގެ ސަބަބުންކަމުގައި ރައީސް ވިދާޅު ވިއެވެ.
އަދި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުން، އެ ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާ ރައީސް ޞާލިހް ވިދާޅުވީ، އެ ބޭފުޅުންނަކީ އެ ބޭފުޅުންގެ މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚުލާސްތެރިކަމާއި ތެދުވެރިވެރިކަމާއެކު ވަރަށް ދިގު މުއްދަތެއް ދައުލަތަށް ކިދުމަތްކުރެއްވުމުގައި ހޭދަކުރެއްވި ބޭފުޅުންތަކެއް ކަމަށެވެ.
މީގެ އިތުރުން، އެ ބޭފުޅުންނަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ހަޔާތުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންތަކެއް ކަން ފާހަގަކޮށް، އެ ބޭފުޅުންގެ ޚިދުމަތްތަކުން މިއަދުގެ ޒުވާން މުވައްޒަފުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގައުމަށް ޚިދުމަތްކުރުމަށް ދިވެހި ޒުވާނުންނަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެކި މުއަސަސާތަކުގައިވެސް ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތްކުރައްވަމުން ގެންދާ ކަމަށާއި، އެ ގޮތުން، ވަޒީފާގައި އެ ޒުވާނުން ހަވާލުވެ ތިއްބަވަނީ ގައުމީ ތަރައްގީގެ މުހިންމު ޒިންމާތަކަކާއި މަތިވެރި ގައުމީ ވާޖިބުތަކެއް އަދާކުރުމަށްކަމަށް އެމަނިކުފާނު ފާހގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ހުރިހާ މުވައްޒިފުންވެސް، އަދި ހާއްސަކޮށް ޒުވާނުން ގައުމީ ވާޖިބުތައް އަދާކުރެއްވުމުގައި، އިޚްލާސްތެރިކަމާއިއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ގޮވާލާފައެވެ.
މިއަދު ބެއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާއާއި ވަޒީރުންނާއި، ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ފަރާތުން އިނާމު ދޭން ފެށީ، 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، 309 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ. އަދި މިއަދު ބޭއްވި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު އަރުވާފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 457 ބޭފުޅަކަށް މި އިނާމު އަރުވާފައިވެއެވެ.

