މި އަހަރުގެ މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖަ އާއި ޝަރަފުވެރި ކަމުގެ ޚާއްޞަ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ޖަލްސާގައި އިނާމު ދިނުމާއި އެކު ރާއްޖޭގެ މީސް މީޑިއާގައި އެންމެ ބޮޑަށް ފެނިގެން ދިޔައީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ރަޝީދާ އިބްރާހިމް (ރަޝީދާއްތަ) އަށް ޘަނާ އާއި ތަޢުރީފު އޮހެން ފެށި ތަނެވެ. ޅެންވެރިކަމާ ދިވެހި އަދަބިއްޔާތަށް ކޮއްފައިވާ ޚިދުމަތުގެ އަގު ވަޒަންވެ ލިބިލެއްވި ޤައުމީ އިނާމަށް އާންމުން ތަހުނިޔާ ކިޔަން ފެށި މަންޒަރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާ ތަކުންނާއި އެކި ގިންތި ތަކުން މަރުޙަބާގެ ބަސްތައް ދިޔައީ ކެނޑިނޭޅި އޮހެމުންނެވެ.
އާނއެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެއީ އެތައް ހާސް ދަރިވަރުންނަށް ދިވެހިބަހާ އަދަބިއްޔާތު އުނގަންނައިދެއްވި އެދުރެކެވެ. ރާއްޖޭގެ ކޮންމެ ފަސްގަނޑަކަށް ޒިޔާރަތް ކޮށްލެއްވި ކަމުގައި ވިޔަސް އުފަލާއި ހިތްހަމަޖެހުމާއި އެކު ގޮވާލާ އެންމެންގެ "ރަޝީދާއްތަ" އެވެ. އެއީ ޢަދަދު ނުކުރެވޭހާ ގިނަ ޤައުމީ ޖަލްސާ ތަކާއި ތަފާތު އެކި މުނާސަބާތަކާއި ޙަފްލާތަކާއި އެތައް ސަތޭކަ ސްކޫލެއްގެ އެކި ޙަރަކާތްތައް ޅެންވެރިކަމުގެ ފަށުވި ޢިބާރާތުން، އެއްވެސް އަގެއް ނުނަންގަވާ ފަޅުފިލުއްވައި ދެއްވުމުގައި ދެމި ހުންނެވި ޝާޢިރާއެކެވެ. އެއީ ދީނީ މަދަހަ އާއި ޤައުމީ ލަވަޔާއި ކުޑަކުދިންގެ ބަންޖާއި އެކި މާޙައުލަށް ފެތޭގޮތަށް ރައިވަރާއި ކާ، އަދި އަސަރުގަދަ، ޝާޢިރާނާ ޚިޔާލު ތަކުން މުއްސަނދިކަން ގެނެސް ދެއްވާފައިވާ ގިނަގުނަ ދިވެހި ލަވަ ތަކެއް ހެއްދެވި މަޝްހޫރު ޅެންވެރިއެކެވެ. އެއީ ޅެން ހަދަން ދަސްކޮށްދެއްވުމާއި، ޕޯޑިއަމް ތަކުގައި ވާހަކަ ދައްކަން ދަސްކޮށްދެއްވުމާއި އެކު ޑްރާމާތައް ލިޔުއްވި ކުޅަދާނަ، ލިޔުންތެރި، އެދުރެއްވެސް މެއެވެ. އޭނާ ވަނީ އެ ދާއިރާގައި 50 އަހަރު ނުވަތަ ބައި ގަރުނު ހޭދަ ކުރައްވާފައެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމް މި އަހަރު ލިބިލެއްވި، ގދ ތިނަދޫ/ އާރު، އަލްފާޟިލާ ރަޝީދާ އިބްރާހިމް އަކީ ޅެންވެރިކަމާ ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ. އޭނާގެ އެންމެ ޚާއްސަ ފަންނަކީ ޅެންވެރިކަން ކަމުގައި ވިޔަސް ރަޝީދާ އިބްރާހިމްއަކީ ޠަބީޢީ ޅެންވެރިއެކެވެ. ރަޝީދާ އަކީ ރާއްޖޭގެ ދެކުނަށް މިހާތަނަށް އުފެދުނު އެންމެ ފުންނާބު އުސް އެއް ޅެންވެރިޔާ އިބްރާހިމް ރަޝީދުގެ ދޮށީ ދަރިކަބަލުންނެވެ. ރަޝީދާ އިބްރާހިމް ގެ ނާރުތަކުގައި ހިނގަނީ މި ދެންނެވި ޝާއިރުގެ ތާޒާ ލެއެވެ. ގުދުރަތީ ގޮތުން ވާރުތަވި ފަންނުގައި ކުރިއަށް ވަޑައިގަތުމުގެ މަސައްކަތް ރަޝީދާ އިބްރާހިމް ފެއްޓެވީ އުމުރުން އެންމެ 11 އަހަރުގައެވެ. އަދި ޅެންވެރިކަމުގެ ހުނަރު ތަރައްގީ ކުރައްވަމުން ޙަގިގީ ޅެންވެރިކަމުގައި ކުރިއަށް ވަޑައިގެންނެވިއެވެ.

މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ސަރުކާރުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދައުލަތުން ރަޝީދާ އިބްރާހިމްގެ ނަން ފާހަގަ ކުރެއްވީ "ޢިލްމީ ބަގީޗާއިން ބިންނެވި މަލާއި ޅެންވެރިކަމުގެ ޤުލްޝަނުން ބިންނެވި މާމެލާމެލި އެއްކުރެއްވި ހިތްވަރު ގަދަ ޅެންވެރިއެއްގެ ގޮތުގައެވެ. ގދ. ތިނަދޫ އަށް އުފަން ރަޝީދާ އިބްރާހިމް އަކީ، އުފަން ފަސްގަނޑު ގައި ދިރިއުޅުއްވާ ފަރާތަކަށްވި ނަމަވެސް އޭނާ ޅެން ހައްދަވާފައި ވަނީ ހަމައެކަނި ތިނަދޫގެ ރައްޔިތުންނާއި ރަށު ސްކޫލްތަކަކަށް ނޫނެވެ. މާލޭގައި ކިޔަވައިދޭ ސްކޫލުތަކަށާއި އަތޮޅުތެރޭގެ ސުކޫލުތަކަށާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ހިންގާ ސްކޫލްތަކަށް ވެސް ޅެމާއި ލަވަ ވަނީ ހައްދަވާދެއްވާފައެވެ. ދިވެހިރާއްޖޭގެ އަޑަށާއި ޓެލެވިޜަން މޯލްޑިވްސްގެ އެކި މުނާސަބަތުތަކާއި ގުޅިގެން ލަވަ ހައްދަވާ ދެއްވާފައިވައިރު ރަޝީދާއަކީ ރާއްޖޭގައި ބޭއްވުނު ޅެން ހެދުމުގެ އެކިއެކި މުބާރާތްތަކުން ވަނަތައްވެސް ހާސިލްކުރައްވާފައިވާ،ޅެންވެރިކަމުގެ ގަލަމަށް ފަރިތަ ބޭފުޅެކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި ކުޅަދާނަ ޅެންވެރިންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އަލް މަރުޙޫމް އިބްރާހިމް ރަޝީދު، ހަވަރުތިނަދޫ ،ފިޔާތޮށިގެ، އާންމުކޮށް ކިޔާ އުޅޭ ނަމުންނަމަ (އާދަމް ބެއްޔާގެ ކަލޯ) އާއި ތިނަދޫ ޗާންދަނީގޭ ފާތުމަތު މޫސާ އަށް އުފަން ރަޝީދާ އިބްރާހިމް، ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައި ވަނީ 1950މ ވަނަ އަހަރުގެ އޮގަސްޓް 8 ވީ ބުދަ ދުވަހުއެވެ. އެއީ ހިތްހެޔޮ އަދި ޚުލްޤު ހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އެންމެންގެ ލޯބި ލިބިފައިވާ، ބައްދަލުވާ ކޮންމެ މީހަކާ ހިނިތުންވުމާއެކު މުޚާތަބު ކުރައްވާ ރަޝީދައްތައެވެ. ތިނަދޫގެ ކުދިބޮޑު އެންމެން އިޙްތިރާމް ކުރާ ރަޝީދައްތައެވެ. އެއީ ތިނަދޫއަށް ނިސްބަތްވާ އެތަކެއް ދަރީން ތަކަކަށް ކިޔަވައި ދެއްވުމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރެއްގެ ގޮތުގައި ހުންނެވި ދިވެހި މުދައްރިސާވެސް މެއެވެ.
ރަޝީދައްތަ ފެނުމުން "މިސް" ނުވަތަ "ރަޝީދައްތައޭ ކިޔާ ގޮވާނުލާ ފަސްދީ ދާނެ ދަރިވަރަކު ވަރަށް މަދުވާނެ އެވެ. 04 ކައިވެނިކޮށް ، އަންހެން ދަރިކަނބަލަކާއި 7 ފިރިހެން ބޭފުޅުން ތިއްބެވި އިރު އޭގެ ތެރޭގައި ޅެންވެރިކަމަށް ކުޅަދާނަ ބޭފުޅަކު ވެސް އެބަ ހުންނެވިއެވެ. އަރަމުން އަންނަ ޝާޢިރު މުހައްމަދު ޔޫޝަޢު އަކީ ރަޝީދާ އިބްރާހިމް ގެ ދަރިކަލެކެވެ. 12 މާމަ ދަރިން ދުށުމުގެ ނަސީބު ލިބިލައްވާފައިވާ ރަޝީދާ އިބްރާހިމް އަށް މިއަހަރުގެ ޤައުމީ ޚާއްޞަ އިނާމު ލިބި ލެއްވުމުން ފޭސްބުކްގައި ޙިއްސާ ކުރެއްވި ޕޯސްޓްގައި ވަނީ
"މިދިރިހުރުމުގެ އެންމެ ބޮޑު އެއް އުފަލަކީ ނުހަނު ލޯބިވާ ދަރިވަރުންނޭ!
ތިޔަ ލޮބުވެތި ދަރިވަރުންގެ ނުހަނު ހިތްހެޔޮ މެސެޖް ތަކުން ހިތް ފުރިއްޖެއެވެ. މިއަދު މިލިބުނު އިނާމަކީ މިސް ( ތިޔަކުދިންގެ ރަޝީދާމިސް ) އަށް ލިބުނު މަތިވެރި ޝަރަފެކެވެ. އެހެންނަމަވެސް މިފުރުސަތު ލިބުމުގެ ދޮރުހުޅުވުމަށް މަގު ފަހިވަމުން އައީ ތިޔަކުދިންގެ ފަރާތުންނެވެ. އެކަމަށްޓަކައި ތިޔަ ލޯބިވާ ދަރިވަރުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު އަދާކުރަމެވެ. މި އިނާމު ރަޝީދާއްތަ ( ރަޝީދާމިސް އަށް ލިބުމުން) އެންމެ ބޮޑަށް އުފާވާނެ އެއްބަޔަކީ ތިޔަ ލޯބިވާ ދަރިވަރުންނެވެ. ތިޔަ ކުދިންގެ ފަރާތުން ލިބުނު ހިއްވަރާއި މަދަދެވެ. މާތް ﷲ ތިޔަ ލޮބުވެތި ދަރިވަރުންނަށް ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ.
ތިޔަ ހުރިހާ ކުދިންނަށް ނުހަނު ލޯތްބާއެކު ގައުމީ ދުވަހުގެ ތަހުނިޔާ އަރިސް ކޮށްލަން.
-ނުހަނު ލޯބިވާ ރަޝީދާމިސް (ރަޝީދާއްތަ)-
މުޅި ހުވަދު އަތޮޅު ފަޚުރުވެރިވާ އަންހެން ޝަޚްސިއްޔަތު ،ރަޝީދާ އިބްރާހިމްގެ މި ރިޕޯސްޓު ނިންމާލުމުގެ ކުރިން ރަޝީދައްތަގެ ހިތްގައިމު ޅެން ތަކުގެ ތެރެއިން ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަޝްހޫރު ބައެއް ޅެން ތައް ފާހަގަ ކޮއްލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.
ރާއްޖޭގައި އެންމެ ހިގި އެއް އޯޑިއޯ އަލްބަމް "ފަތެވަރެ" އަށް ލޯފަން މަރިޔަމް ދީދީ ކިޔައި ދީފައިވާ "ތަގެ ރީތިކަމާ ތަގެ ލޯބި އެދެއި..
އެމް.އީ.އެސް. ގެ ކްރެސެންޑޯ ގައި އާމިނަތު އިބްރާހިމް ކިޔައިފައިވާ މިނިވަން ޚިޔާލު ދިރޭ…
މޯލްޑިވިއަން އައިޑޮލް ގެ އެއް ތަރި މުހައްމަދު ޒަލީފް އަބްދުﷲ އިންޓަރ ހައުސް ލަވަ މުބާރާތުގައި އެއްވަނަ ހޯދި ބައެއް ލަވަތައް.
ރަޝީދާ އިބްރާހިމް އަދިވެސް ހުންނެވީ ޅެންވެރިއެއްގެ ގޮތުގައެވެ.

