އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިން މޭޓަކަށް އަނެއްކާވެސް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި އެންމެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ހަމަޖައްސަން ނިންމައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 7 ކަށް ހަމަވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާން ކޮށްފައިވާ އެއްވެސް ކެނޑިޑޭޓަކު އަދި ރަނިން މޭޓު އިއުލާން ކޮށްފައެއްނުވެއެވެ.
އިދިކޮޅުން އެންމެ ފުރަތަމަ ރަނިން މޭޓް އިޢުލާންކުރުމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު، ކެޕްޓަން މުހައްމަދު އަމީން މީޑިއާތަކަށް ވިދާޅުވި ގޮތުގައި ޔާމީންގެ ރަނިންމޭޓް ކަމަށް، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ހަމަޖައްސަވަން މިހާރު ވަނީ ނިންމާފަ އެވެ.
އެގޮތުން ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގައި ކަރެކްޝަންސް މެދުވެރިކޮށް އެމަނިކުފާނު ސޮއިކުރައްވާފައި ވާއިރު، ފޯމު ލާނީ ޖަމީލް ރަނިން މޭޓުގެ ގޮތުގައި ހިމަނާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ރަނިން މޭޓަކަށް ހުންނެވި ޖަމީލް ވަނީ 2015 ވަނަ އަހަރުގެ މެދާ ހިސާބަށް ރައީސް ޔަމީންގެ ނައިބު ރައީސްގެ ގޮތުގައި ހުންނަވާފައެވެ. އެހެންނަމަވެސް ޖަމީލްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ އެ މަޤާމުން އޭރު ވަނީ ވަކިކޮށްފައެވެ. އެކަން ކުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަމަށް ވަޑައިގެންނެވި އަހްމަދު އަދީބު އަޑީގައި ހުންނަވައިގެން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ރައީސް ޔާމީންގެ ރަނިން މޭޓު އިއުލާން ކުރެއްވި އިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވި ކެނޑިޑޭޓަކީ ވެސް އިދިކޮޅުގެ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރިވި ފަހުން، ވ. އާރަށުގެ މައްސަލައިގައި ދަޢުލަތުން ކުރި ދަޢުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރުގައި ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ރައީސް ޔާމީން މިވަގުތުވެސް ދަނީ އާރަށު މައްސަލައިގައި 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުންނެވެ. ހަމަ އެއާއިއެކު އެ މައްސަލައިގެ އިސްތިއުނާފް ދިވެހި ރާއްޖޭގެ ހައިކޯޓުގައި ޕާކު ކުރެވިފައިވާތީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓާއިމެދު ވަނީ ބޮޑު ބަހުސަކަށް ގޮސްފައެވެ.
ރައީސް ޔާމީންގެ ކެނޑިޑެންސީ ފޯމު ހުށަހެޅި ނަމަވެސް ޖަލު ހުކުމެއް އޮއްވައި ރައީސް ޔާމީންގެ ކެނޑިޑެންސީ ބަލައިނުގަންނާނެ ކަމަށް އިލްކެޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވަނީ ވިދާޅުވެފަ އެވެ. އެކަމާއިގުޅިގެން ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤު ގެއްލޭތީ އެ ޙައްޤު ކަށަވަރުކުރުމަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް އިދިކޮޅުން ހުށަހެޅި ދެ މައްސަލަ ވެސް ބަލައިނުގަނެ އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.