ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެބޮޑަށް ބޭނުންފުޅުވީ އެމަނިކުފާނު މިނިވަންވެ ވަޑައިގެން މަންމާފުޅުގެ އަރިހަށް ޒިޔާރަތް ކުރެއްވުން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެ އެވެ.
އޭނާ މިފަދައިން ވިދާޅުވީ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ގެ މަންމާފުޅު، ފާތިމަތު ޙަސަން އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝިޔާޒް ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުޙަލާތައް އަވަހަށް ނިމި، ޖަލު ޙުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއް ވުން ކަމަށެވެ. އެހެންނަމަވެސް، ޝަރުޢީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުޞަތު އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވި ކަމުގައި ޝިޔާޒް ފާހަގަކުރެއްވިއެވެ
ނ.ވެލިދޫއަށް އުފަން ފާތިމަތު ޙަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. އުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ފާތިމަތު ޙަސަން އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.

