މުޅި ދުނިޔެއަށް ދިމާވި ކޮވިޑް19ގެ ޙާލަތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ފިތިގެން ދިޔަކަމަށާއި އެ ދަނޑިވަޅުގައިވެސް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުވެސް ފިތިގެން ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ދަނޑިވަޅުގައި އެމަނިކުފާނުގެ ގައިކޮޅުން ފޭބީ ”މާމުއި“ ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ރޭ ރައީސް ޞޯލިހުގެ 2023 ރިޔާސީ ކެމްޕެއިންއަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުއަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ކޮވިޑްގެ ޙާލަތުގައި ރައީސް ޞޯލިހު އެޅުއްވި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އޭނާ ވިދާޅުވީ ރައީސް ޞޯލިހު ދިވެހިރާއްޖޭގައި ކޮވިޑުގެ ޙާލަތު މެނޭޖުކުރީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް މެނޭޖުކުރެވިފައިނުވާހާ ފުރިހަމަކޮށްކަމަށެވެ.
”ފޮނި އެއްޗަކުން ނިކުންނާނީ ފޮނި،އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ ފިތާލީމާ އަންނާނީ ފޮނި، އެހެންވީމާ އަޅުގަނޑުމެން ފިތިގެން ދިޔަ ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ފިތިގެން ދިޔައީ، ފިތިގެން ދިޔަ ވަގުތުގައި ވެސް އެމަނިކުފާނު ގައިން އައީ ކޯޗެއްތޯ، މާމުއި! މީހުންނަށް ދެއްކޭނެ އަދި އުފާވާނެ ކަރަށް ރަހަލާނެ ރީތި މާމުއި އިނގޭތޯ“ ސިޔާމް ވިދާޅުވިއެވެ.

