އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ތަޢުޒިޔާ ދަންނަވަމުން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމަނިކުފާނުގެ މަންމާފުޅު ފާތިމަތު ޙަސަން އަވަހާރަވި ޚަބަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށެވެ. މިއާއެކު މާތްالله މަރްޙޫމާގެ ފުރާނަފުޅަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއް ވުމަށްއެދި ވަނީ ދުޢާކޮށްފައެވެ.
"ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މިސަރުކާރުގެ އަނިޔާވެރިކަމުގައި ޙައްޤު ނޫން ޙުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެކެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނީ ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި، އެމަނިކުފާނުގެ ޢާއިލާއަށް، ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި އެކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް ޔާމީން ގެ މަންމާފުޅު ފާތުމަތު ޙަސަން އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި އެމަނިކުފާނަށް ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިފައިނުވާއިރު، ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީން އެންމެބޮޑަށް ބޭނުންފުޅުވީ އެމަނިކުފާނު މިނިވަންވެ ވަޑައިގެން މަންމާފުޅުގެ އަރިހަށް ޒިޔާރަތް ކުރެއްވުން ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވަނީ ވިދާޅުވެފައެވެ.

