ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ށ. ފުނަދޫއަށް ވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ތާއީދުއޮތީ އެމްޑީޕީއާއި ޕީޕީއެމްއަށް ކަމަށެވެ. އަދި އެހެން ޕާތީތަކުން އެ ބުނާ ވަރަކަށް އެ ޕާޓީތަކަށް ރައްޔިތުން ތާއީދުކުރާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“ތި ބޭފުޅުން ނިންމަންވީ 2018 ގެ ކުރީގައި އޮތް ހާލަތަށް އަޅުގަނޑުމެން އެނބުރި ދާނީތޯ ނުވަތަ ފެށިފައިވާ ތަރައްގީގެ މަޝްރޫއުތަކާއެކު، މި ރަށް ވެސް ހިމެނޭ ގޮތަށް، މި އަތޮޅު ވެސް ހިމެނޭ ގޮތަށް އެ މަޝްރޫއުތަކާއެކީގައި ކުރިއަށް ދާނީތޯ.”އެމަނިކުފާނު ވިދާޅުވި އެވެ.
ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުން ރައްޔިތުން ނިންމަވާ ނިންމެވުމަކީ ރާއްޖޭގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިިފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދިކ މިހާރު ރާއްޖެއިން މި ފެނިގެންދާ ތަރައްގީ ކުރިއަށް އޮތްތާގައިވެސް ކުރިއަށް ގެންދާނީތޯ ނޫނީ ކުރިން ރާއްޖެ އޮތްފަދަ އަނިޔާވެރިކަމާއި ބިރުވެރިކަމުގައި ކުރިއަށް ދާނީތޯ ނިންމަވާނީ ރައްޔިތުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުން، ކުރިމަތިލާންޖެހުނު ދަތި އުނދަގުލާއި އުފުލަން ޖެހުނު ހާލަތު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ރައީސް ވިދާޅު ވިއެވެ.
އަދި، ޔާމީންގެ ވެރިކަމުގައި ޕީއެސްއައިޕީ ބަޖެޓުން ތަރައްގީއަށް 22 ބިލިއަން ރުފިޔާ ހަރަދުކުރިޔަސް، މި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 32 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި، 141 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް 5.6 ބިލިއަން ރުފިޔާ އަދި 150 ރަށެއްގައި އަސާސީ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

