އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ނަމަ އޮންލައިންކޮށް ރީ ރެޖިސްޓްރީން ވުމަށް ހުޅުވާލި ފުރުސަތު އަންނަ ބުދަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.
ރީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އޮންލައިންކޮށް ފުރަތަމަ ފަހަރަށް ރީރަޖިސްޓާކުރާ ގޮތަށް ހަމަޖެހި އެ ފުރުސަތު ބުދަ ދުވަހާ ހަމައަށް އޮތް ނަމަވެސް، ހާޒިރުވެ ފޯމު ހުށަހަޅައިގެން ރީރަޖިސްޓާވުމުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި މާލޭގައި ވޯޓުލާން ރަޖިސްޓްރީވި މީހުން ރިޔާސީ އިންތިހާބުގައި ވެސް އޮޓެމެޓިކުން އޮންނާނީ މާލޭގައި ވޯޓުލާ ގޮތަށް ރަޖިސްޓްރީކޮށްފަ އެވެ.
އެގޮތުން މި ފަހަރު މާލޭގައި ވޯޓުލާން ބޭނުންވާ އެހެން ރަށްރަށުގެ ރަށްވެހީން ރީރަޖިސްޓާކުރާކަށް ނުޖެހެއެވެ. ނަމަވެސް އޭރު މާލޭގައި ވޯޓުލާފައި މި ފަހަރު އެހެން ތަނެއްގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހެއެވެ. އަދި، އޭރު އެހެން ތަނެއްގައި ވޯޓުލާފައި މި ފަހަރު މާލޭގައި ވޯޓުލާ ނަމަ ރީރަޖިސްޓާކުރަން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ބަދަލު ގެނެސްފައިވަނީ ރަށްވެހިފައިވާ ރަށުގައި އޮޓެމެޓިކުން ރަޖިސްޓްރީ ގެންދިޔުމުން ރީރަޖިސްޓްރީގެ މަސައްކަތްތައް ބުރަވެގެންދާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުން ލުޔެއް ހޯދައިދިނުމަށް އެ ކޮމިޝަނުގައި އެދިފައި އޮއްވަ އެވެ.
މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 9،000 އެއްހާ މީހުން ރީޖިރަސްޓްރީވެފައިވާއިރު، މިއީ ކުރީ އިންތިހާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތައް އަދި ސިނާއީ ރައްތައް ހިމަނައިގެން ޖުމްލަ 600 ވޯޓު ފޮށި މިއަހަރު ބެހެއްޓުމަށް ވަނީ ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިހާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ.
އޮންލައިންކޮށް ރީރަޖިސްޓާ ކުރަން ކުރިން ހުޅުވާލި މުއްދަތު މިރޭ 12:00 ޖަހާއިރުގެ ނިޔަލަށް ހަމަވެ އެވެ. މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ މިހާރު އެ މުއްދަތު އޮގަސްޓް 2، ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

