ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރ ރައީސް ޔާމީން، އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައުި ވާދަކުރެއްވުމަށް، ހުށަހަޅަންޖެހޭ ކެންޑިޑެންސީ ފޯމް މާދަމާ ހުށަހަޅަން ނިންމާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ހެނދުނު 10 ޖަހާއިރު، އެމަނިކުފާނުގެ ފޯމް ހުށަހަޅާއިރު، އެ ހަރަކާތުގައި އާންމުކށް ހުރިހާ ފަރާތްތައް ބައިވެރިވުމަށް އެ ޕާޓީން ވަނީ ދައުވަތު ދީފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް އޮތް ހުރަހަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމުންނެވެ. މިއާ އެކު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތެއް ޔާމީންގެ ފުރިހަމަވެފައި ނުވާ އިރު، އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދުގައި މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނެވެ. ޔާމީންގެ ކެންޑިޑެސީ އާ މެދުގައި ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނީ އެންމެ 24 ގަޑިއިރެވެ.

