ނަޑެއްލާ ކައުންސިލް ސްޕޯރޓްސް ފިއެސްޓާ 2023 ގެ އަންހެން ފުޓްސަލްގައި ނަޑެއްލާ ސްޕޯރޓް ކްލަބް އާއި ނުރައްކާ ބައްދަލުކުރި މެޗް 2 – 1 ނަތީއްޖާ އިން ނުރައްކާ މޮޅު ވެއްޖެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނުރައްކާ ޓީމުގެ އައިމިނަތު އިޝްފާ އާއި ޝުޢާ ޝިޔާމް ވަނީ ގޯލް ޖަހައިފައެވެ. ނަޑެއްލާ ސްޕޯރޓްސް ކްލަބްގެ ހަމައެކަނި ގޯލް ޖެހީ ޝަޒްރާ ނަޖީބްއެވެ.
ގދ އަތޮޅު ކައުންސިލް އިން މެއިން ސްޕޮންސަރ ކޮށްފައިވާ "ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023" އަކީ ފުޓްސަލް އާއި ވޮލީއަށް ޚާއްސަ ކުރެވިގެން އެރަށު ޒުވާނުންނަށް ކުރިޔަށް ގެންދާ މުބާރާތެކެވެ. އެގޮތުން އަންހެން ޑިވިޝަން އާއި ފިރިހެން ޑިވިޝަން ވަކި، މުބާރާތެއްގެ ގޮތުގައި ރަށުގެ ޓީމުތައް ބައިވެރިވާ ގޮތަށް ފުޓްސަލް އާއި ވޮލީ ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.
ނަޑެއްލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާގެ މީޑިއާ ޕާރޓްނާރ އަކަށް ހުވަދޫ މީޑިއާ ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ބްރޭންޑިން ޕާރޓްނާ އަށް ރާޅު އާޓްސް އެންޑް ޑިޒައިން ވަނީ ހަމަޖައްސާފައެވެ.


