އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހެޅުއްވި ކެންޑިޑެސީ ފޯމާ މެދުގައި މިއަދު އިރުއޮއްސި ހައެއްގެ ކުރިން ގޮތެއް ނިންމަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ހުށަހެޅި ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ކެންޑިޑެސީ އާއިމެދު ގޮތެއް ނިންމަވަން 48 ގަޑިއިރު އިލެކްޝަންސް ކޮމިޝަނަށް ލިބުނު ނަމަވެސް މިއަދު 18:00 ގެ ކުރިން ރައީސް ޔާމީންގެ ކެންޑިޑެސީ އާއި މެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ހަބީބް ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމާ ހަވާލުވުމަށް ފަހު އޭގައި ފުރިހަމަވާން ޖެހޭ ކަންކަންކަން ބެލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެއަށް ފަހު އިންތިޚާބަށް ކުރިމަތިލުމާމެދު ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނިންމި ގޮތް 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑަސީ ހުށަހެޅި ފަރާތަށް ޖަވާބު ދޭން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އިންތިޚާބީ ކެންޑިޑޭޓް ހުށަހަޅަން ޖެހޭ ފައިސާވެސް ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ނިންމާފައިވާކަން ހަބީބު ފާހަގަކުރެއްވިއެވެ.
”އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އިންތިޚާބުގެ ޝަރުތުތައް ފުރިހަމަވޭތޯ ނޫނީ ނޫންތޯ ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނުން ބަލާނެ. އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޓީމުން ދިރާސާ ކުރުމަށްފަހުގައި ނިންމާ ގޮތެއްގެ މަތިން އިރާދަ ކުރެއްވިއްޔާ 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު އަރުވާނަން.“ ހަބީބް ވިދާޅުވިއެވެ.
ހަބީބް އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމާ ގޮތާއިމެދު ހިތްހަމަނުޖެހޭ ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ހިތްހަމަނުޖެހޭ ނަމަ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާތާ 48 ގަޑިއިރު ފަހުން ފަސް ދުވަސް ތެރޭ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
”ދެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށް ގާނޫނުން ލާޒިމް ކުރޭ.“ހަބީބް ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށްއެދި މިއަދު އެ ކޮމިޝަނަށް ފޯމް ހުށަހެޅީ ދިވެހި ރާއްޖޭގައި އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓްކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭ ކަމަށެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް އެންމެ ފުރަތަމަ ކެނޑިޑެސީ ފޯމު އިދިކޮޅު ލީޑަރު ހުށަހަޅުއްވާފައިވާއިރު، ރިޔާސީ ކެނޑިޑޭޓާއި ރަނިން މޭޓްވެސް އެންމެ ފުރަތަމަ އިޢުލާނު ކޮށްފައިވަނީ އިދިކޮޅު ކޯލިޝަނުންނެވެ.

