ނިމިދިޔަ ދައުރުގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް ރަށަކީ ހުވަދު އަތޮޅު ތިނަދޫ އެވެ. ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރަށް މަގުތައް ހެދި 2 ރަށުގެ ތެރެއިން އެއް ރަށަށް ގދ ތިނަދޫ ހަދައި ރަށުގެ ބަނދަރު މަތި ނަލަ ވާނެހެން ފަަލަމެއް ހެދި އެވެ. ނަމަވެސް ދައުރު ނިމުނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ، އެމް.ޓީ.ސީ.ސީ އާއި ޙަވާލު ކޮށްގެން ނިންމަން ފޫގެޅި މަސައްކަތް ނުނިމި އެވެ. 95 އިންސައްތަ މަސައްކަތް ނިންމާ ވަގުތީ ގޮތުން ތަން ދިއްލާ ލީ އިރު ބާކީ ހުރީ ފުރާޅާ ގުޅިފައިވާ 4 ފަރާތު ސީލިންގުގައި ތަތްކުރަން ޖެހޭ ސްޓިކާ ޖެހުމުގެ މަސައްކަތެވެ.
ދައުރު ބަދަލު ވެއްޖެއެވެ. އެ ވެރިކަން ނިމިއްޖެއެވެ. އާ ސަރުކާރަކާއި މުޅިން އާ ކައުންސިލަކާއި އާ ޑަބްލިޔުޑީސީ އެއް ވެސް އިންތިޚާބު ވެއްޖެއެވެ. މި ވެރިން ގެ ވިސްނުމުގައި ހުރީ ތިނަދޫ ރަސްމީ ފާލަމުގެ އެންމެހައި މަސައްކަތްތައް ނިންމާލުމަށެވެ. ތިނަދޫ ކައުންސިލުން މި ކަމަށް އަރުވާޖަހާ ބެލި އިރު އެއީ އެމީހުންނަށް ވެވޭ ވަރުގެ ކަމެއް ނޫނެވެ. އަޅާނުލެވި ދުވަސްތައް ދިޔުމުން ކުރަން ޖެހޭ އިތުރު މަރާމާތު ވެސް ގިނަވީމަ ކަމަށް އެވެރިން ދެކެއެވެ.
ކޮންމެއަކަސް، އެމް ޓީ ސީ ސީ އާއި އެއް މޭޒަކަށް އަރާ ސަރުކާރު ކުންފުނިގެ މަދަދާ އެހީތެރިކަމާއި އެކު ނުވިތަނަކަށް މުޅި މަސައްކަތް ވެސް އެ ކުންފުނީގެ ބޮލަށްޖަހާ ސީ އެސް އާރުން އެކަން ކުރަން ރުހުން ހޯދައިފިއެވެ. އޭގެ ފަހުން ދުވަހަކަށް ފަހު ދުވަހެއް މަހަކަށް ފަހު މަހެއް އަދި އަހަރެއް ނިމި އަނެއް އަހަރުވެސް ނިމޭއަތަށް އަޅައިފިއެވެ. އާ ސަރުކާރު ވެސް ނިގޫ ކޮޅަށް ގޮސް ދައުރު ނިމެން ކުޑަ ދުވަސްކަށް ވެއްޖެއެވެ. ތިނަދޫ ރަސްމީ ފާލަމަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެންމެ ފަހުން ރަށަށް އެރި އެތުލެޓިކްސް ޓީމު ތަކަށް މަރުހަބާ ކިޔުމުގެ ނިޔަތުގައި ފާލަމުގައި ފެންނަ ހިސާބުން ނެއްޓިފައި ހުރި ދެ ފިލައަކަށް މޮހޮރެއް ޖަހާ ޑެކް ފިލާ ތަކުގައި ތެޔޮ ލިޔެވެ. އެނޫން ކަމެއް ނުކުރެއެވެ.

ތިނަދޫ ފާލަމުގެ މިއަދުގެ ޙާލަތު | ހުވަދޫ ފޮޓޯ : މުހައްމަދު އަޚްތަރު
އިމާރާތުގެ މަގަތު ފިލާ ތައް ދަނީ ފިލައަކަށްފަހު ފިލައެއް ނެއްޓެމުންނެވެ. ސިޑިއަށް އަރާ ފައިބާ ހިސާބުގައި ވެސް ބައެއް ފިލާ ނެތެވެ. ބައެއް ޗެންޗޭނުގެ ބައި ތަކާ ނަލަ ކުރަން ހަރުކޮށް ފައިހުރި އެސް އެސް ދަނގަޑުތައް ވަގަށް ނަގާ ހުސްވެއްޖެއެވެ. ތަނބު ތަކުގައި ދިއްލުމަށް ހަރު ކޮއްފައި ހުރި ފަސްދޮޅަސް އެތައް ލައިޓަކުން ބާކީ ހުރީ އަތް ނުފޯރާ ހިސާބުގައި ހުރި ދެތިން ލައިޓެވެ. މީގެ 4 އަހަރު ކުރިން އެ ލައިޓުތައް އެއްފަހަރާ ވަގަށް ގެންގޮސްފިއެވެ. 1.1 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ހެދި ފާލަމުގެ މިއަދުގެ ޙާލަތަކީ އެއީ އެވެ.
ތިނަދޫ ކައުނަސިލްގެ ވިސްނުން މިހާރު ހުރީ ކިހިނެއް ؟
ފާލަމުގެ ޙަތާ ގުޅުވައި މި ސުވާލު "ހުވަދޫ މީޑިއާ" އިން ކުރުމުން ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވީ އެ ކައުންސިލުން ތިބީ އެމް ޓީ ސީ ސީ ގެ އިންތިޒާރު ގައި ކަމަށާއި އެ ކުންފުނީގެ ސީއެސްއާރު އެހީގެ ދަށުން އެކަން ކުރާނެ ކަމަށެވެ.
"މިހާރު އެމީހުން ތިބީ ތިނަދޫ އިސްލާމީ މަރުކަޒު މަރާމާތުގަ. އެކަން ނިމުމުން ފާލަން ފަށާނެ" ސައުދު ޢަލީ ވިދާޅުވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ ފާލަން އެއްކޮށް ނިންމަން ކުރަން ޖެހޭ ހަރަދު ކައުންސިލް ގައި ނެތް ކަމަށާއި އެކަން ކުރާނީ އެއްބަސް ވެފައިވާ ގޮތަށް އެމް ޓީ ސީ ސީ އިން ނެވެ.
ތިނަދޫ ކައުންސިލުން މިހެން ވިދާޅުވިއިރު މަސްޖިދުލް ސިދްޤީ ނުވަތަ ތިނަދޫ އިސްލާމީ މަރުކަޒު ގެ މަރާމާތު އެމް ޓީ ސީ ސީ އިން ކުރަމުން ދާތާ 4 މަސް ވެއްޖެ އެވެ. އަދި އެތަނުގައި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ހުއްޓެވެ.
ތިނަދޫ ގެ މާޒީއަށް ދުރުމީކޮށް ނަޒަރު ހިންގާލާއިރު މިހާތަނަށް 4 ފާލަން ރަސްމީ ކޮށް ބޭނުން ކުރަން އަޅައިފައިވެއެވެ. ކޮންމެ ފަހަރަކު ވެސް އަޅަނީ އެ ޒަމާނަކަށް ފެތޭ ގޮތަށެވެ. އަދި ފަހުން އެޅި ފާލަން ތައް އެޅުމަށް ރަށު އޮފީސް ތަކުން ބޮޑެތި ޚަރަދު ކޮއްފައި ވެއެވެ. ނަމަވެސް ކޮންމެ ތަނެއް ވެސް ނެތިވެ ނުވަތަ ބަދަލު ކުރަނީ ހަލާކުވެ މަރާމާތް ނުވެ ގިނަދުވަސް ވުމުންނެވެ.

މީގެ 5 އަހަރު ކުރިން ، ފޮޓޯގްރާފަރ ޖައިޝަމް ތިނަދޫ ފާލަން ފެންނަހެން ނަގައިފައިވާ ފޮޓޯއެއް
ތިނަދޫ ރަސްމީ ފާލަމުގެ ގޮތުގައި ބޭނުން ކުރާ ތަނަކީ ނުރަސްމީ ކޮށް ވެސް ބޭނުން ކުރާ ހަމައެކަނި ފަަލަމެވެ. ރަސްމީ ހައިސިއްޔަތުން މީހުންނަށް މަރުހަބާ ކިޔަނީވެސް އެ ފާލަމުންނެވެ. އެއީ ރަށަށް އަންނަ ލޯންޗު ތަކާ ކާޑެއްދޫ އެއަރޕޯޓާއި ދެމެދު ވިޔަފާރި އުސޫލުން ދަތުރު ކުރާ ލޯންޗުތައް ފެރީގިމަތައެއްގެ ގޮތުގައި ވެސް ބޭނުން ކުރާ ތަނަކަށް ވާއިރުވެސް އެއީ އަތޮޅުތެރޭގައި އޮތް އެންމެ ދިގު ބަނދަރު ( 5300 ފޫޓަށް ވުރެ ދިގު ) ކަމަށްވާ ގދ ތިނަދޫ ބަނދަރުގައި އަރާ ފައިބާ މީހުންނަށް ބޯ ހިޔާ ކުރެވޭ ގޮތަށް، ފެރީ ޓާމިނަލް ފިޔަވާ ހުރި ހަމައެކަނި ތަންވެސްމެއެވެ. މި ހުރިހާ ޙަލަތެއް އައިސް ވަށާ ޖެހޭ އިރު އެމް ޓީ ސީ ސީ އައިސް އަރާ ހަމަވަންދެން ކައުންސިލުން ބަލަން ތިބެންވީ ހެއްޔެވެ. އެތައް ގޮތަކުން އިތުރު ބަދަލުތަކާ ޤަވާޢިދުތަކާ އެއްޗެހި ހަދަން ޖެހޭ ތަނަކަށް އެ ސަރަހައްދު ވާއިރު ކައުންސިލް ގެ މެމްބަރުން ދެ އަތް އުރާލައިގެން ތިބެންވީ ތޯއެވެ. ރަން ފޮއްޓެއް ލައްގަޅޭ ކިޔާލަ ކިޔާލަ ތިބެންވީތޯ އެވެ.

