އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޤަބޫލު ނުކުރި މައްސަލަ އިދިކޮޅުުން ސްޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބަލައިގެންފިއެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ހުށަހެޅުމާއެކު އެ ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައި ނުގަންނަން ނިންމައި ޕީޕީއެމަށް ލިޔުން ފޮނުވާފައެވެ.
"ޖިނާޢީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު) ޙުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެކު، އެ ޙުކުމް، ތަންފީޒުކޮށް ނިމިފައި ނުވާ ކަން، ލިބިފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނާތީ، ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު އަބްދުالله ޔާމިން އަބްދުލްޤައްޔޫމް ކިބައިގައި ފުރިހަމަ ނުވުން" ރައީސް ޔާމީން ގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބު ހާމަކޮށް އީސީން ބުނެފައިވެއެވެ.
އީސީގެ ޖަވާބާއިއެކު އެ މައްސަލަ އިދިކޮޅުުން ސްޕްރީމްކޯޓަށް ހުށަ ހަޅާފައިވާއިރު، އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.
މައްސަލަ ހުށަހެޅުމަށްފަހު ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސް ޔާމީނުގެ ކެންޑިޑެސީގެ މައްސަލަ ހުށަހަޅާފައި ވާކަމަށާއި، މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ޙައްޤަށް ނަޞްރު ލިބިގެންދާނެ ކަމުގައި ޖަމީލް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގައި ގައިވާގޮތުން، އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ޤަބޫލު ނުކުރަން އީސީން ނިންމާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމަން ޖެހެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙު މިވަގުތު އެންމެބޮޑަށް އިންތިޒާރު ކުރަމުންދަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ސުޕްރީމްކޯޓުގެ ނިންމުމާއި އެކު ކަށަވަރުވާނެތޯ ނުވަތަ ނޫންތޯއެވެ.

