ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ޑރ. މުޢިއްޒަށް އިންޒާރު ދީ ތައިލޭންޑް ނަމްބަރަކުން ޑރ. މުޢިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ފޮނުފައިވާ މެސެޖުތަކުގައި ވަނީ ރައީސް ޔާމީންގެ ނިންމެވުން ބަދަލު ކުރުމަށް ޑރ. މުޢިއްޒު މަސައްކަތް ކުރައްވާކަމަށް ތުހުމަތު ކޮށްފައެވެ. އަދި، އެގޮތަށް ކަންތައް ކޮށްފިނަމަ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.
އިންޒާރުގެ މެސެޖްތަކާއި ގުޅިގެން މުޢިއްޒުގެ އަނބިކަނބަލުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
މަރުގެ އިންޒާރުދީ ފޮނުވި މެސެޖުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވަން ރައީސް ޔާމީން ނިންމަވާފައިވާ ނިންމުން ބަދަލުކުރައްވަން މުޢިއްޒު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތަށް މަސައްކަތް ނުކުރަން އެ މެސެޖްގައި އިންޒާރުކޮށްފައި ވެ އެވެ.
”ޕްލޭން ބީގައި އަދި ސީ ގައި ވެސް ޕީޕީއެމްޕީއެެންސީގެ ކެންޑިޑޭޓަކީ ޑރ. ޖަމީލް. އެއީ ރައީސް ޔާމީންގެ ނިންމުން، ރައީސް ޔާމީންގެ ނިންމެވުން ބަދަލު ކުރުމަށް ކުރާ މަސައްކަތް ހުއްޓާލަން ބުނޭ. އެގޮތަށް ކަންތައް ކޮށްފިނަމަ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ“. ޑރ. މުޢިއްޒަށް މަރުގެ އިންޒާރުދީ އަނބިކަނބަލުންގެ ފޯނަށް ފޮނުވި މެސެޖްގައި ވެއެވެ.
ޑރ. މުޢިއްޒުއަށް ދިން އިންޒާރާއި ގުޅިގެން ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕީޕީއެމް ގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިންޒާރުދީ ބިރު ދެއްކި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެމައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލާ ކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.
”ޕީޕީއެމް ގެ ނާއިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނަބަލުންގެ ފޯނަށް ކާކުކަން ނޭނގޭ (ރާއްޖެއިން ބޭރުގެ) ނަންބަރަކުން މެސެޖްކޮށް، ޑރ. މުޢިއްޒަށް ހަމަލާދޭނެކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރު ދިނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން“. ޕީޕީއެމްގެ ނޫސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ މިފަދަ ނާތަޙުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކުން، އެކޯލިޝަންގެ ލީޑަރޝިޕް ބައިބައި ކުރެވިދާނެކަމަށް ހީކުރުމަކީ އެކަން އެކުރާ ބަޔަކަށް ކުރެވޭ ކުށްހީއެއް ކަމަށެވެ. އަދި އެކޯލިޝަންގެ ލީޑަރޝިޕްވެސް އަދި ސެނެޓްވެސް މަސައްކަތް ކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި، އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ، ޕީޕީއެމްގެ ރައީސް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
ޑރ. މުޢިއްޒުއަށް އާންމުން ކުރަމުންދާ ތާއީދު އިތުރުވުމާއިއެކު ސޯޝަލް މީޑިއާގައި ގޮތްނޭނގޭ އެތައްބަޔަކު އޭނާއަށް ކުރަމުންދިޔަ ފުރައްސާރައާއި ތުހުމަތުތަކާއި ގުޅިގެން ޕީޕީއެމްގެތެރޭގައި ކޯޅުންބޮޑުވެ އާންމުމެންބަރުންގެ ހިތުގައި ސުވާލު އުފެދޭ ހިސާބަށް ކަންކަން ދިއުމުން މުޢިއްޒު ވަނީ ދާދިފަހުން ޗެނަލް-13 މެދުވެރިކޮށް އެ ހުރިހާ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އަދި ހެއްކާއިއެކު މުޢިއްޒު ވަނީ އޭނާގެ އިޚްލާސްތެރިކަމާއި ތާއީދު އިދިކޮޅު ލީޑަރ ރައީސް ޔާމީންއަށް އަބަދުވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

