ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ގެ ސްޕެޝަލް އެޑްވައިޒަރ އަކަށް، އެ ޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދު ހަމަޖައްސައިފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި އެޕާޓީގެ 159 ވަނަ ކައުންސިލް ބައްދަލުވުމުގައި ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމަށް ތިން ބޭފުޅަކު ވަނީ އައްޔަނު ކޮށްފައެވެ. އެގޮތުން ޢަލީ ވަހީދު އެ މަޤާމަށް އައްޔަންކުރި ކަމަށް ޖޭޕީއިން ކޮށްފައިވާ ޓުވީޓެއް ގައި ވަނީ ބުނެފައެވެ. ޢަލީގެ އިތުރުން ޤާސިމްގެ އެޑްވައިޒަރުންނަށް ހަމަޖައްސާފައިވަނީ އިސްމާއިލް ޝުޖާ އަދި އިބްރާހިމް ޝުޖާއުއެވެ.
ޢަލީ ވަހީދު ވަނީ މީގެ ކުރިންވެސް ޤާސިމްގެ ޚާއްޞަ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެފަހުން ޖޭޕީގެ ރައީސްކަންވެސް ޢަލީ ވަހީދު ވަނީ އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމްވެސް އޭނާ އަދާކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.
އެހެންނަމަވެސް، އެ މަޤާމުގައި ހުރެގެން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދަޢުވާ އުފުލުމާއި އެކު، އޭނާވަނީ އަމިއްލަފުޅަށް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. އެ މުއްދަތުގައި ޢަލީ ވަހީދުގެ ބޮޑެތި ތުހުމަތު ތަކެއްވެސް މި ސަރުކާރާއި ރައީސް ޞޯލިހުއަށް ވަނީ ކުރައްވާފައެވެ.
އެހެންނަމަވެސް ރައީސް ޞޯލިހު ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގައި ޢަލީ ވަހީދާއި ބައްދަލު ކުރައްވާ ސިޔާސީ މަޝްވަރާތަކެއް ކުރެއްވިކަމުގެ އަޑުތައް ފެތުރުމާއިއެކު ޖިންސީ ގޯނާގެ މައްސަލާގައި ޢަލީގެ މައްޗަށްކުރި ދަޢުވާތައް ސާބިތު ކުރަން ހެކިބަސް ދޭން ތިބި ގިނަބަޔަކު މިހާރު ހެކިބަސް ދޭން ބޭނުންނުވާތީ އެ މައްސަލަތައް ސާބިތުކުރެވޭނެ ގޮތެއްނެތް ކަމަށްބުނެ ޕީޖީ އޮފީހުން މައްސަލަ އަނބުރާ ގެންދިޔުމުން ޢަލީ ވަހީދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
ޢަލީ ވަހީދު ރާއްޖެ ވަޑައިގެންނެވުމަށްފަހު މީގެ ކުރިން އޭނާ ރައީސް ޞޯލިހުއަށް ކުރެއްވި ތުހުމަތުތަކާއި ގުޅިގެން ދެއްކެވީ މުޅިން އެހެންވާހަކަފުޅެކެވެ. އަދި އެއީ ސިޔާސީ ގޮތުން ގެންގުޅުއްވި އުކުޅެއްކަމަށާއި، އޭރު އޭނާ ހެއްދެބީ އިތުރުފުޅެއް ކަމުގައި ޢަލީ ވަހީދު މީޑިއާތަކަށް ވިދާޅުވިއެވެ. މިކަމާއިގުޅިގެން އޭނާއަށް ވަނީ ގިނބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

