އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްސަލައަކީ ވަކި ފަރުދެއްގެ މައްސަލައެއް ނޫންކަމަށާއި، އެއީ ޤައުމީ މަސްލަޙަތު ހިމެނޭ އެއް ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ޙައްޤު ޝާމިލްވާ މައްސަލައެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމީންއަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއިގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝިޔާމް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
"ރައީސް ޔާމީންގެ މައްސަލައަކީ ފަރުދެއްގެ މައްސަލައެއް ނޫން. އެއީ ޤައުމީ މަސްލަޙަތު ހިމެނޭ އެއް ލައްކައަށްވުރެ ގިނަ ރައްޔިތުންގެ ޙައްޤު ޝާމިލްވާ މައްސަލައެއް. އެމަނިކުފާނާ އެމަނިކުފާނާއި އެކު ތިއްބެވި ދިވެހިރައްޔިތުން ބޭނުންފުޅުވަނީ ސުޕްރީމް ކޯޓުގެ އިންސާފު ވެރި ނިންމެވުމެއް. އެ ނިންމެވުމާ މިއަދު ގުޅިފައިވަނީ ޤައުމުގެ ހަމަޖެހުމާ ޤައުމުގެ މުސްތަޤުބަލް" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންސާނަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ ދުވަސްތައް މިއަދު ރައީސް ޔާމީން ތަޙައްމަލް އެކުރައްވަނީ މިޤައުމާ ރައްޔިތުންގެ ޙައްޤުގައިކަމަށެވެ. އަދި 11 އަހަރުގެ ނުޙައްޤު ސިޔާސީ ޙުކުމެއްގައި ޖަލުގަައި އެމަނިކުފާނަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އިސްތިޢުނާފުގެ ޙައްޤުވެސް ސަރުކާރުންވަނީ ނިގުޅައިގަނެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މަންމާފުޅު އާލާސްކަންފުޅު ބޮޑުވީވަގުތުވެސް މަންމާފުޅަށް ޒިޔާރަތްކުރެއްވުމުގެ ފުރުޞަތެއްވެސް ސަރުކާރުން އެމަނިކުފާނަށް ނުދެއްވާ ވަނިކޮށް މަންމާފުޅު އަވަހާރަވެ، ޖެހިގެން އައި ދުވަހު ޤައުމަށް ޚިދުމަތް ކުރެއްވުމަށް އެތައްހާސް ރައްޔިތުން އެމަނިކުފާނަށް އެރުވި ޓިކެޓު ސިޔާސީ ނުފޫޒުން އިލެކްޝަން ކޮމިޝަނުން ޤާނޫނާ ޚިލާފަށް ރިޖެކްޓުކޮށް އެ ފުރުޞަތު ހަނިކުރަން މަސައްކަތް ކުރާކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބެއް ނުވާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

