މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިން މޭޓު އިއުލާނު ކުރާ ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ ބާއްވާނެ ކަމަށް އެ ޕާާޓީން ބުނެފި އެވެ.
އެމްއެންޕީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ބާނީ ނާޒިމް ހޯއްދެވީ ނިމިދިޔަ ޖެނުއަރީ 14، ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން ވޯޓަކާއި ނުލަ އެވެ. އަދި މިއީ ނާޒިމް، ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.
އެމްއެންޕީން މިއަދު ބުނި ގޮތުގައި، އެ ޕާޓީގެ ރަނިންމޭޓު އިއުލާނު ކުރާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ބިލަބޮން އިންޓަނޭޝަނަލް ސްކޫލުގެ ހޯލްގައި ބާއްވާ ޖަލްސާއެއްގައި ކަމަށެވެ.
މިހާތަނަށް ރިޔާސީ ކެންޑިޑޭޓުކަން އިއުލާނު ކުރައްވާފައިވާ މީހުންގެ ތެރެއިން އެއްވެސް މީހަކު ރަސްމީކޮށް ރަނިން މޭޓަކު އިއުލާނުކޮށްފައި ނުވެ އެވެ. އަދި މިހާތަނަށް އެއްވެސް ކެންޑިޑޭޓަކު ރަނިން މޭޓަކު އިއުލާނުކުރައްވާފައި ނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެކަމުގައި ގޮތެއް ނިންމަވައި، ހާމަކުރައްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ރަނިން މޭޓު ވެސް ތިން ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް އީވާ އަބްދުﷲ ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

