އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓްއަކަށް އެންމެ މައްޗަށް ޚަރަދުކުރެވޭނެ އަދަދަކީ، 564،790،000 ކަމަށް އިލެކްޝަންސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި،
ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރަންވާނީ އެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000 ރުފިޔާގެ މަގުން ހިސާބު ކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދަކަށް ކަމަށެވެ.
އެގޮތުން، ރިޔާސީ އިންތިހާބު 2023 އަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,395 ކަމަށްވާއިރު، ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިހާބާ ގުޅިގެން ހަރަދުކުރެވޭނެ އެންމެ މަތީ އަދަދަކީ 564,790,000 ރުފިޔާ ކަމަށް ހަބީބް ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިހާބުތަކާއި ބެހޭ އާންމު ގަވާއިދުގައި ވާގޮތުން، ކެންޑިޑޭޓުންގެ ބޭނުންތަކަށް ހަރަދުކުރުމަށްޓަކައި ނުވަތަ އެ ކެންޑިޑޭޓްގެ ފަރާތުން އެހން މީހަކުވިޔަސް ބޭނުންކޮށްގެން ނުވާނޭ ކަމަށް ބުނެފައެއް ނުވެއެވެ.
- މި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ޤާނޫނީ ޝަޚުޞަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 11,295,800 ރުފިޔާ.
މިގޮތުން، ލިބޭ އެންމެހައި ފައިސާ ލިބުނު ފަރާތާއި، ލިބުނު ގޮތާއި، ލިބުނު ޢަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓް ބަލަހައްޓަން ވާނެ.
ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރު ކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެ. - ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުން ކުރުމަށްޓަކައި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކޮންމެ ކެންޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެ.
- މި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދު ކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ވަކިފަރުދަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ 2,823,950 ރުފިޔާ.
ރިޔާސީ އިންތިހާބަށް ކުޑަތަން ވަމުން އަންނައިރު، މިހާތަނަށް އަށް ވަރަކަށް ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް ވަނީ ބެލެވެވިފައެވެ.

