އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާކަމަށް ސުޕްރީމް ކޯޓްއިން ނިންމައިފިނަމަ، ޕީޕީއެމުން އިތުރު ކެންޑިޑޭޓްއަކު ނެރުމަށް ފުރުސަތި ފަހިކޮށްދިނުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް މިއަދު އެދެފިއެވެ.
ސުޕްރީމް ކޯޓްއަށް ޔާމީންގެ ފަރާތުން ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ، އިލެކްޝަންސް ކޮމިޝަންއިން އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމް ބަލައިނުގަތުމަށް ނިންމުމާއި ގުޅިގެންނެވެ. އީސީއިން އެ ފަދައިން ނިންމާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމްއެއް އޮތުމުންނެވެ. އަދި އެއީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ވާގޮތުން، ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ ފަރާތެއްގެ ޝަރުތު އުނިވާ ހާލަތެކެވެ.
އެ މާއްދާގެ ޅ ގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅިގެން ރައީސް ޔާޟީންގެ ވަކީލުން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ކުށުގެ ދައުވާއާއި އަދި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ކުރިއަށް ދާތީ އެއީ އަދި ނިހާއީ ހުކުމެއް ނޫން ކަމަށާއި އެހެންކަމުން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ.
ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު، އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ އެ ކޯޓުގައި ފަށައިފައެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ މި މައްސަލައިގައި މައިގަނޑު ދެ ކަމަކަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.
ފުރަތަމަ ކަމަކަށް ޔާމީންގެ ވަކީލުން އެދިވަޑައިގެންފަިއ ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަކީ ބާތިލް ނިންމެވުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ޔާމީނަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ކަނޑައަޅައި ދެއްވުމަށާއި އިންތިހާބުގައި ބައިވެރިވުމަށްޓަކައި ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައި ދެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް އަންގަވައި ދެއްވުމަށް ވެސް ވަކީލުން އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ޔާމީންގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ޕީޕީއެމަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް އެދިވަޑައިގެންފައިވެއެވެ. އަދި ޔާމީންގެ އިތުރު ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ހާލަތެއްގައި އެ ހުށަހެޅުން ހުށަހެޅުމަށް ސުޕްރީމް ކޯޓުން ފުރުސަތު ދެއްވުމަށް ވެސް ޔާމީންގެ ވަކީލުން އެދިވަޑައިގެންފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުން، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 07 ވަނަ ދުވަހަށް (އަންނަ ހޯމަ ދުވަސް) ހަމަވާނެއެވެ.
މީގެ އިތުރުން، ޔާމީންގެ ފަރާތުން މިފަދަ ވަގުތީ އަމުރަކަށް އެދިފައިވާއިރު، ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެއްޖެ ނަމަ، ބެކްއަޕެއްގެ ގޮތުގައި ނެރޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ވަނީ ނިންމައިފަ އެވެ. ޔާމީންގެ އެންގެވުމަށް ޕީއެންސީން ވަނީ ކެންޑިޑޭޓެއް ހޮވާފައިވާއިރު، އެ ފުރުސަތު ހޯއްދެވީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ސުޕްރީމް ކޯޓުން ލިބިއްޖެނަމަ، މުއިއްޒުގެ ނަން އަނބުރާ ގެންދަވާނެ އެވެ. އެ ނޫންނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރޭ ކެންޑިޑޭޓަކަށް ވާނީ މުއިއްޒެވެ.

