ދިވެހިރާއްޖެއަކީ އަންހެނުންނާއި، އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ގައުމަކަށް ހަދައިދޭނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަލްޓަންޕާކުގައި އެ ޕާޓީން ކުރިއަށް ގެންދިޔަ، އަންހެނުންގެ ލީޑާޝިޕް ފޯރަމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވުވީ، އެމްއެންޕީއަކީ އަންހެނުންނާއި ފިރިހެނުންނާއި އެއް ހަމައެއްގައި މަސައްކަތްކުރާ އަންހެނުން ތިބި ޕާޓީއެއް ކަމަށެވެ.
އަދި އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނައިރު، އަންހެނުންގެ ހައްގުތަށް ހޯދައިނުދެވޭނަމަ މުޖުތަމައެއް ކުރިއަރައިގެން ނުދާނޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، އަންހެނުންގެ ހައްގުތަށް ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަނަމަވެސް، އެކަމުގައި ހުރި މައްސަލަތައް ހައްލުކޮށް، އަންހެނުން ކުރިއެރުވުމަށް މަސައްކަތްތައް ކޮށްދޭނޭ ކަމަށެވެ. އަދި، ހައްގުތައް ކަށަވަރު ކުރެވޭނީ ގާނޫނުތަކުގައި ލިޔެ، އެކަންތައް މާނަކޮށްގެން ނޫން ކަމަށާއި، އަންހެނުންގެ ހައްގުތަކަކީ އެއީ އިންސާނީ ހައްގުތަކަށްވާއިރު، ގައުމުގެ އިސް ސަފުގައި ތިބޭ މީހުންގެ ކޮނޑުގައި އެޅުވިފައިވާ ވާޖިބަކަށް ވާނީ އިސްލާމް ދީނުގައި އަންހެނުންނަށް ދެއްވާފައިވާ ހައްގު މަގާމު ހޯދައިދީ، އެންމެ ފުރިހަމަ މާނައިގައި މުޖްތަމައު ބައްޓަން ކުރުންކަމަށް ނާޒިމް ވިދާޅުވި އެވެ.
“ދިރިއުޅުމުގެ ހަނގުރާމައިގެ ތެރެއިން، ވަރިއާއި އަދި ހުވަފަތްވުމުގެ ސަބަބުން، ކުދިންނާއިއެކު ވަޒީފާ އަދާކުރަމުން ކުދިން ބަލަމުންގެންދާ އެކަނިވެރި މައިންގެ ދިރިއުޅުން ފަސޭހަކޮށްދީ އެ ކަނބަލުންނަށް ޚަރަދު ހޯދުމާއި އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ” ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި، އަންހެނުންނަށް އަނިޔާލކުރާ ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އަނިޔާ ކުރާ މީހުންނަށް މައާފެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި އިސް މަގާމުތައް ފުރުވުމަށް އަންހެނުން ގިނަވުމަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް އެކަށައެޅޭ ސިޔާސަތުތަކާއި އަދި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުވެގެންދާނޭ ކަމެއްކަމަށެވެ.
“ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އަންހެންކުދިންގެ އައިޑެންޓިޓީ ހާމަވާނޭހެން، އޮފީހަށް ގެންދަވައިގެން، އެކުދިންނާއިއެކު ކިރިތި ކުރައްވާފައި، އަނެއް ދުވަހު އެއީ ނުވާ ކަމަކަށް ހައްދަވައި ކުށްކުރި ކަމަށްވާ މީހާއަށް ޤައުމުގައި އެންމެ މަތީ ފަންތީގައި އުޅުމުގެ ފުރުސަތު ދިނުމަކީ އަންހެނުންގެ ރައްކާތެރިކަން ނިގުޅައިގަތުން، އެ ކުދިންގެ އިހުތިރާމް ކަނޑުވާލުން” ނާޒިމް ވިދާޅުވިއެވެ.

