ރައީސް އިބްރާހިމް މުހައްމަދު ޞޯލިހްގެ ރަނިންމޭޓްއަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ހަމަޖައްވައިފި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާފައިވާ ގިނަ ކެންޑިޑޭޓުންނެއް ވަނީ މިހާރު ރަނިންމޭޓް ކަނޑައަޅާ އިއުލާންކުރައްވާފައެވެ..
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި އަސްލަމް، ރަނިންމޭޓަކަށް ކަނޑައަޅަން ނިންމެވުމުން އޭނާ މިހާރު ވަނީ ކުށުގެ ރެކޯޑު ސާފުކުރުމުގެ ވެސް ޑީޖޭއޭ އަށް ހުށަހަޅުއްވައިފަ އެވެ.
އަސްލަމް ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ފުރަތަމަ ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ހަތަރުވަނަ ދައުރެވެ. އަސްލަމް އަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބަލާއިރު އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެ ގޮނޑި ފުރުއްވާތާ މިހާރު 15 އަހަރުވެއްޖެއެވެ.
އަސްލަމަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ސިޔާސީ ގޮތުން ކުރިން އަސްލަމް އެންމެ ގާތް އެއްބޭފުޅަކީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިޔަސް އެ ޕާޓީގެ އެތެރޭގެ ކޯޅުމުގައި އަސްލަމް އެރުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހަފުތާގައި ވިދާޅުވީ، ރަނިންމޭޓް ހަމަޖެއްސެވުމަކީ އެ މަނިކުފާނުގެ ސިކުނޑީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.
“މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،” ރިޔާސީ ކެމްޕެއިނަށް ވ. ފުލިދު އަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް، އަންނަ ހޯމަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ. އެ އިންތިހާބަށް ފަސް ވަރަކަށް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވިޔަސް، މިހާތަނަށް ފޯމު ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެވެ.

