ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންގް މޭޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަން ނިންމައިފިއެވެ.
މިކަން ހާމަކޮށް މުއިއްޒު ކުރެއްވި ޓުވިތެއްގައި ވިދާޅުވީ، ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި” ބެކްއަޕް” ކެންޑިޑޭޓްއަކަށް އޭނާ ހޮވާފައިވާ ކަމަށާއި، އަދި މުއިއްޒުގެ ރަނިންގްމޭޓްއަކަށް ހުސައިން މުހައްމަދު ލަތީފު (ސެންބެ9 ހަމަޖައްސަން ނިންމާފައިވާކަމަށެވެ.
އަދި ސެންބެއަކީ ޒުވާން، ތަޢުލީމީ ޤާބިލް ބޭފުޅެއްކަމަށްވެސް މުއިއްޒު ފާހަގަކޮށްފައިވެއެވެ.
” މާތް ﷲގެ އިރާދަފުޅާއި ވާގިފުޅުން ރައީސް ޔާމީންއަށް މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ. ރައީސް ޔާމީންއަށް ވާދަކުރުމުގެ ފުރުސަތު ނުދީފިނަމަ، އެ މަަނިކުފާނު ދެއްވާފައިވާ އިރުޝާދާއިއެކު، ވާދަކުރާނޭ “ބެކްއަޕް” ކެންޑިޑޭޓްއެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓްއެއް ހޮވުމަށް ޕީއެންސީގެ ސެނެޓުގައި ބޭއްވުނު އިންތިހާބުގައި އަޅުގަނޑު ހޮވުމުން، އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސައި، އެޕްލިކޭޗަން ތައްޔާރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމަށް ދެކޭހިނދު، އަޅުގަނޑުގެ ރަނިންމޭޓްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް (ސެންބެ) ހަމަޖައްސަން ނިންމިކަން ދަންނަވަން. “
މުއިއްޒުގެ ކެންޑިޑެންސީ ފޯމް އީސީއަށް ހުށަހެޅި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ބުރަވަނީ ރައީސް ޔާމީންއަށް ވާދަނުކުރެވޭ ހާލެއް އައިސްފިނަމަ ޕީޕީއެމްއިން ކަނޑައަޅާ ކެންޑިޑޭޓްއަކަށް ތާއީދުކުރުމަށެވެ. އަދި މިހާލަތުގައި ޕީޕީއެމް އަދި ޕީއެންސީގެ އާންމު މެމްބަރުންގެ ވޯޓުތައް ދެބަޔަކަށް ބެހިގެންދިޔުމުގެ ފުރުސަތު ބޮޑެވެ.

