ޕީއެންސީ ގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިކަން ހާމަކޮށް ނޫސްބަޔާނެއް ނެރެފައިވަނީ ރިޔާސީ އިންތިޚާބުގައި ޕީޕިީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތުގައި، "ޕްލޭން ބީ"ގެ ގޮތުގައި އެ ޕާޓީން އިތުރު ކެންޑިޑޭޓެއް ނެރެން އުޅުމުން ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ކޯޅުން ބޮޑުވެ، "ޕްލޭން ބީ" އަކީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ދެ ޕާޓީގެ ލީޑާޝިޕުން މިއަދު ނިންމައިފިކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ޚަބަރަކާއި ގުޅިގެންނެވެ.
އިދިކޮޅުން ބުނީ ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. އަދި ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު، ކަމުގެ ޙަޤީޤީ މަޢުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް އެ ކޯލިޝަނުންވަނީ ގޮވާލާފައެވެ.
ޕީޕީއެމްގެ ފަރާތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެކަމަށާއި، ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނިކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.
މީގެެތުރުން އެބަޔާނުގައި ބުނީ ދިވެހިރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމާއި، ޕީޕީއެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަދައްޚުލުވެ ވަކާލާތު ކުރަމުން ދަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނުބައިކޮށް ތަތުބީޤުކޮށްގެން ކަމާއި ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑަސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަމަރުކޮށްދިނުމަށް ކަމަށެވެ. ހަމައެއާއެކު، ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ގެއްލޭނަމަ، ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުޞަތު ލިބިދިނުމަށްވެސް އެދިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

