އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރެޖިސްޓްރޭޝަން ކުރުމަށް ހުޅުވާލި ފުރުސަތު މިރޭ، 22:00 އަށް އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 10:00 އަށް ވަނީ އިތުރުކޮށްފައިވާ ކަމަށާއި، އީސީން މި ގޮތަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އޮނަލައިންކޮށް ރީ ރެޖިސްޓްރޭޓްވުމަށް ހުޅުވާލި ފުރުސަތުވަނީ މިދިޔަ ބުދަ ދުވަހަށް ހަމަވެފައެވެ. އެހެންކަމުން މިހާރު ރީ-ރެޖިސްޓްރީ ކުރެވޭނީ ފޯމް މެދުވެރިކޮށްގެންނެވެ.
މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެއެވެ. ނަމަވެސް، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހެއެވެ.
އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން އަންނަނި ރީ-ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރީ-ރެޖިސްޓްރޭޓް ކުރެވޭނީ އީސީއަށް ނޫނީ ފޯކަލް ޕޮއިންޓްއަކަށް ފޯމް ހުށަހަޅައިގެންނެވެ.

