އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނަމަ ބެކަޕް ކެންޑިޑޭޓެއްގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑެސީ ކަށަވަރުކޮށްފައިވާ ޑރ. މުޢިއްޒު އަކީ އިދިކޮޅަށް އެންމެ ރަނގަޅު ޗޮއިސް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ސަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ރިޔާސީ އިންތިޚާބިގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންއަށް ވާދަނުކުރެވޭނަމަ "ޕްލޭން ބީ" ގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ ލަފާފުޅާއިއެކު ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބުކޮށްފައެވެ. ޕީއެންސީގެ ޕްރައިމަރީގައި އެ ޕާޓީގެ ނައިބުރައީސް އާދަމް ޝަރީފް އާއި ޕީޕީއެމްގެ ކުރީގެ ނައިބުރައީސް އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވާދަކުރައްވައިގެން ސެނެޓު ވޯޓުން ކުރި ހޯއްދަވައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވިފައިވަނީ ޑރ. މުޢިއްޒުއެވެ.
މިއާއިއެކު ދެން އުފެދިގެން އައި ބަހުސަކީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ޙާލަތުގައި އިދިކޮޅު ޕީޕީއެމުންވެސް ކެންޑިޑޭޓެއް ނެރެން އުޅޭވާހަކައެވެ. މި ބަހުސް ފެށިފައިވަނީ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އެ މައްސަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިމި ކެންޑިޑަސީ ނުލިބޭ ޙާލަތަކަށް ގޮސްފިނަމަ ޕީޕީއެމްއިން އިތުރު ކެނޑިޑޭޓަކު ނެރުމަށް ފުރުޞަތު ދިނުމަށް ޙުކުމެއް ނެރެދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލައިގެ ޝަރީޢަތުގައި އެދުނު ހިސާބުންނެވެ.
ޑރ. މުޢިއްޒަކީ "ޕްލޭން ސީ" ކަމަށްބުނެ އިދިކޮޅުގެ އިސްވެރިން މީޑިއާތަކަށް މަޢުލޫމާތު ދިނުމާއިއެކު އިދިކޮޅު ކޯލިޝަންތެރޭގައި ތަފާތު އެކިގޮތްގޮތަށް ވާހަކަ ދެކެވެންފެށިއެވެ. އަދި އެކިފަރާތްތަކުން ސޯޝަލްމީޑިއާގައި ބުނަމުންދަނީ އިދިކޮޅު ކެންޑިޑޭޓަށް ވާދަނުކުރެވޭނަމަ "ޕްލޭން ބީ" އަކީ ޑރ. މުޢިއްޒުކަމަށް ނިންމުމަކީ މިވަގުތު އިދިކޮޅަށް އެންމެ ފައިދާބޮޑުވާނެ ގޮތްކަމަށެވެ.
މިކަމަށް ޢިޝާރާތްކުރައްވާ ޝެއިޚް ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްލޭން ބީ އަށް ޑރ. މުޢިއްޒު އަކީ ޕީޕީއެމް/ޕީއެންސީ އަށް އެންމެ ރަނގަޅު ޗޮއިސް ކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެން ނިންމާފައިވަނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތަކަށް ބަލާފައި ރައީސް ޔާމީންގެ ލަފާގެމަތިންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕީއެންސީން ޑރ. މުޢިއްޒު މިހާރު ދަނީ ރަނިންމޭޓަކާއި އިންތިޚާބީ އޭޖެންޓަކު އިއުލާނު ކުރައްވައި ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ.

